ސްޕެޝަލް އިކޮނޮމިކް ޒޯންގައި (އެސްްއީޒެޑް) މިހާތަނަށް 680 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަން ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ސިންގަޕޫރުގައި ފެށި "މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އެސްއީޒެޑަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދު ސިންދަފާތުކުރުމަކީ، ސަރުކާރުގެ އިގްތިސޯދީ އެޖެންޑާގެ މުހިންމު ސިޔާސަތެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށްވެސް އެސްއީޒެޑްގައި އެކި މަޝްރޫއުތައް ކުރިއަށްގެންދަން ހުޅުވާލައިފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ހިމެނޭކަން ފާހަގަކުރެއްވިއެވެ.
"އެސްއީޒެޑްގެ ޕޯޓްފޯލިއޯ މިހާތަނަށް އައިއިރު 680 މިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް އެކި މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަންވަނީ ލިބިފައި. މިއީ ތާރީހީ ކުރިއެރުންތަކެއް." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވަނީ ރާއްޖޭގައި ވިޔަފާރިތަކަށް ރައްކާތެރި މާހައުލެއް އޮތް ކަމަށް ވިދާޅުވެ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ މައުލޫމާތުވެސް ފޯރަމްގެ ބައިވެރީންނަށް ދެއްވައިފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފާހަގަކުރެއްވިއެވެ.
މިއަދު ފެށި "މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް 200 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް ވެރީންނާއި ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ އިސް ފަރާތްތައް ހިމެނެއެވެ.
އަލީ ޔާމިން
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް