ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޯންގް އާއެކު މުހިންމު މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންދަވައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނު ކަމަށާއި އެކި ދާއިރާތަކުން އިތުރު ފުރުސަތުތައް ހޯދުމަށް މަގުފަހިކުރެވުނު ކަމަށެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ރާއްޖެއާއި ސިންގަޕޫރާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޓެކްނިކަލް ގާބިލުކަން އިތުރުކުރުމަށް ސްޓަޑީ ވިޒިޓްތައް ހިންގުމާއި މަތީ ތައުލީމާއި ވޮކޭޝަނަލް ތަމްރީނު، އަދި ތިމާވެށި އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްއޯޔޫތައް ހިމެނެއެވެ.

"އަޅުގަނޑަށް ޔަގީން، މިއަދު ސޮއިކުރެވުނު އެމްއޯޔޫތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ގުޅުން އިތުރަށް ބަދަހިވެ، އަޅުގަނޑުމެންގެ ދެ އާބާދީއަށްވެސް ހަރުދަނާ ފައިދާތަކެއް ލިބިގެންދާނެކަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.