އިރާނުގައި ޔޫރޭނިއަމް ފައްކާކުރުމުގެ ގާބިލުކަން އަދިވެސް އެބަހުރި ކަމަށް އދގެ ނިއުކްލިއާއާ ބެހޭ އިދާރާ، ''އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)''އިން ބުނެފިއެވެ.

(އައިއޭއީއޭ) ގެ އިސްވެރިޔާ ރަފައެލް ގްރޮއްސީ ވިދާޅުވީ އިރާނުން އަދިވެސް ޔޫރޭނިއަމް ފައްކާކުރަން ބޭނުން ނަމަ އެކަމުގެ ގާބިލުކަން އަދިވެސް އެބަހުރިކަމަށާއި އެ ގައުމުން ބޭނުންނަމަ، ނިއުކްލިއާ ބޮމެއް ވެސް ހެދިދާނެ ކަމަށެވެ.

ރަފައެލް ވަނީ އެމެރިކާއިން މިދިޔަ ހަފުތާގައި އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ހަމަލާ ދިން ނަމަވެސް އެ ސައިޓުތައް އެއްކޮށް ހަލާކުކޮށްލެވިފައި ނުވާކަމަށްވެސް ވިދާޅުވެފައެވެ.

އިއްޔެ ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޗީފް ރަފައެލް ވަނީ އެމެރިކާއިން ހަމަލާ ދިނުމުގެ ކުރީން އިރާނުން ހުރިހާ އެއްޗެއް އެ ސަރަހައްދުން ގެންދިއަ ކަމަށް ނުބުނެވޭނެ ކަމަށާއި ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ފާހަގަކުރައްވައިފައެވެ.

އިސްރާއީލުން ވެސް ވަނީ މިމަހުގެ 13 ވަނަ ދުވަހު ނިއުކްލިއާ ބޮން ހަދާ ކަމަށް ބުނެ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ހަމަލާދީފައެވެ. އެއަށްފަހު އިރާނާއި އިސްރާއީލުގެ ހަނގުރާމަ ފެށި ދެ ގައުމުން ވެސް ވަރުގަދަ ހަމަލާބަދަލުކުރުންތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އިރާނުން ވަނީ އެމެރިކާއިން އެ ގައުމުގެ ނިއުކްލިއާ ސައިޓުތަކަށް ދިން ހަމަލާއާ ގުޅިގެން އައިއޭއީއޭއާ އެކު އޮތް ގުޅުން ކަނޑާލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެެ.