ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން އެމްޕަވަމަންޓް ހަބެއް ގާއިމުކުރުމަށް ޒަކާތު ހައުސް އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނަރަލް އޮފް ޒަކާތު އައްޝައިހް އިއްޒައްދީން އަދުނާނެވެ. އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން އެމްޕަވަމަންޓް ހަބެއް ގާއިމުކުރުމަށްޓަކައި ޒަކާތު ހައުސްގެ އެހީތެރިކަމަށް އެދިފައިވާތީ، އެކަމަށް އެހީތެރިވެ ހަބް ގާއިމުކުރުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ދޫކުރުމަށް ނިންމާފައިވަނީ މިދިޔަ މާޗް މަހުގެ 19 ގައި ބޭއްވި ޒަކާތު ކައުންސިލުގެ 16 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

އެމްޕަވަމަންޓް ހަބް ގާއިމުކުރުމުގެ ބޭނުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުންދާތީއާއި، ރަސްމީ ތައުލީމު ނިންމުމަށްފަހު މުޖުތަމައުއަށް ނުކުންނަ ނުކުޅެދުންތެރި ކުދީންނާއި ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރި މީހުން މުޖުތަމައުގައި އިތުރުވަމުންދާތީ، އެފަދަ މީހުންނާއި ކުދީންގެ ހުނަރު ތަރައްގީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާާއި އިތުރަށް ބާރުވެރިކުރުމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށާއި އެ ފަރާތްތަކަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެމްޕަވަމަންޓް ހަބް ގާއިމުކުރުމަށް ވެވުނު 25 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން އެ ހަބް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރަމުން އަންނަ އަމާންއުދަރެސް ޓަވަރު 7 ގެ އެއްވަނަ ފަންގިފިލާގައެވެ.

އެ ހަބް މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެތަކަށް ފައިދާތަކެއް ކުރާނެ ކަމަށް ޒަކާތު ހައުސް އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީން އުންމީދުކުރާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.