12 ދުވަސް ފަހުން ހަމަލާތައް ހުއްޓާލިއިރު އިރާނުން 610 މީހަކު މަރުވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އިސްރާއީލު އިސްވެ އޮވެ އިރާނަށް ދިން ހަމަލާއަށްފަހު އިރާނާއި އިސްރާއީލާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފަށައި ދެގައުމަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ގައުމުންވެސް މިހާރު ވަނީ އެއްބަސްވެފައެވެ.

އިރާނުގެ އޮފިޝަލުން ވަނީ އެ ހަނގުރާމައިގައި 12 ދުވަސްތެރޭ އެގައުމުން 610 މީހުން މަރުވެފައިވާކަމަށާއި އޭގެ ތެރޭގައި 49 އަންހެނުންނާއި 13 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ބުނެފައެވެ.

ހަނގުރާމައިގައި އިރާނުން 4،746 މީހުންނަށް އަނިޔާވެފައިވާކަމަށް ރެކޯޑުތަކުން ދައްކާއިރު އޭގެ ތެރޭގައި ހާލުދެރަ މީހުންވެސް ތިބި ކަމަށް އޮފިޝަލުން ބުނެއެވެ.

އިރާނުގެ ހަތް ހޮސްޕިޓަލެއްގެ އިތުރުން ހަތަރު ސިއްހީ ޔުނިޓަކަށް ބޮޑެތި ގެއްލުންތައް ވެފައިވާއިރު އެ ގައުމުން ނުވަ އެމްބިއުލާންސް ހަލާކުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އިރާނުގެ ސިއްހީ އެހީތެރިންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.

އިރާނުގައި ހަރަކާތްތެރިވާ ރެޑް ކްރެސަންޓުން ވަނީ މަރުވި މީހުންގެ ތެރޭގައި އެމްބިއުލާންސް ދުއްވާ ހަތަރު މީހަކު ވެސް ހިމެނޭ ކަމަށް ފާހަގަކޮށްފައެވެ.

އިރާނުގެ ސަރުކާރުގެ އޮފިޝަލުން ވަނީ އިސްރާއީލުން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައިވަނީ އާންމުންނަށް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.