އިޒްރޭލާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލަން ދެ ގައުމުންވެސް އެއްބަސްވެއްޖެއެވެ.

މި މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން އިސްވެ "އޮޕަރޭޝަން ރެއިސިން ލަޔަން" ގެ ނަމުގައި އީރާނަށް ދިން ސަޕްރައިޒް ހަމަލާގެ ރައްދުގައި އީރާނުން އިޒްރޭލުގެ ޓެލް އަވީވް އާއި ހައިފާއަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދިޔަ ހަމަލާ ބަދަލުކުރުމުގައި އީރާނުން ވަނީ އެ ގައުމުގެ އެންމެ ފަހުގެ މިސައިލްތަކުން އިޒްރޭލަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އިޒްރޭލުންވެސް ދިޔައީ ރައްދުގައި އީރާނަށް ހަމަލާތައް ދެމުންނެވެެ.

ދެ ގައުމުން ހަމަލާ ހުއްޓާލަން އެއްބަސްވެފައި މި ވަނީ، އެމެރިކާއިން ހަނގުރާމައިގެ ތެރެޔަށް ވަދެ، އީރާނުގެ ތިން ނިއުކްލިއާ ސައިޓަކަށް ހަމަލާދިނުމުން އެކަމުގެ ރައްދު ހަމަލާއެއްގެ ގޮތުން ގަތަރާއި އީރާގުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް އީރާނުން ރޭގެ ވަގުތެއްގައި ހަމަލާތައް ދިނުމާ ގުޅިގެންނެވެ.

އީރާން-އިޒްރޭލު ހަމަލާ ހުއްޓާލަން ދެ ގައުމުން އެއްބަސްވެފައިވާކަން ފުރަތަމަ އިއުލާނުކުރެއްވީ އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕެވެ. ނަމަވެސް އޭގެ ފަހުންވެސް އީރާނުން ވަނީ ފުލުފުލުގައި އިޒްރޭލަށް މިސައިލް ހަމަލާތަކެއްދީ ބަޔަކު މަރާލައިފައެެވެ.

އީރާނުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާކަން މީގެ އިރުކޮޅެއް ކުރިން އެ ގައުމުގެ ރަސްމީ ޓީވީން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް، އީރާނަށް ހަމަލާތައް ދެމުންދާ ނަމަ، މަޑުން ނޯވެ އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނެފައިވެއެވެ.

އިޒްރޭލުގެ ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާކަން އިއުލާނުކުރައްވައިފައެވެ.