ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އިންޖީނުލީ އެއްގަމު އުޅަނދުތަކުން ތާޑް ޕާޓީ އިންޝުއަރެންސް ހެއްދުމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވައިދުން ލާޒިމްކުރާ ކަމެކެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުންފުނިތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި އެ އިންޝުއަރެންސް ސްކީމްގެ ޕެކޭޖުތައް ދެ މަހެއްހާ ދުވަސް ތެރޭގައި ތައާރަފް ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތާޑް ޕާޓީ އިންޝުއަރެންސަކީ އިންޝުއަރެންސް ހަދާފައިވާ ހުންނަ އުޅަނދަކުން އެހެން އުޅަނދަތަކަށް ލިބޭ ގެއްލުން ކަވަރު ކޮށްދޭ އިންޝުއަރެންސެކެވެ.