މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް ހުރަހަކީ ނަތަންޔާހޫ ކަމަށް ތުރުކީގެ ރައީސް ރަޖީބް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް، އުރުދުގާން ވިދާޅުވީ އިރާނާއި އިސްރާއީލުގެ ހަނގުރާމަ ފަށާފައިވަނީ އިސްރާއީލުން ކަމަށާއި އެއީ އެމެރިކާ އާއި އިރާނުން މަޝްވަރާކުރަމުން ދިޔަ ނިއުކްލިއާ މައްސަލައިގެ މުހިންމު ބައްދަލުވުންތަކަކަށް ތައްޔާރުވަމުން ދިޔަ ވަގުތު ކަމަށެވެ.

އިއްޔެ ތުރުކީގެ އިސްތަންބޫލުގައި އޮތް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ''އޯއައިސީ''ގެ ބައްދަލުވުމުގައި އުރުދުގާން ވަނީ އިސްރާއީލުގެ ނުފޫޒުގެ ދަށުގައި ވާ އެއްވެސް ގައުމަކުން އިސްރާއީލުގެ ނުރައްކާތެރި ވާހަކަތަކަށް ނުހެއްލި ހައްލު ހޯދައި އަމާންކަން ގާއިމުކުރުމަށް ގޮވައިލައްވައިފައެވެ.

އުރުދުގާން ވަނީ އިސްރާއީލުން އިރާނަށް ދެމުން ދާ ހަމަލާތަކުން ހާމަވަނީ ނަތަންޔާހޫ އާއި އިސްރާއީލު ސަރުކާރުން ޑިޕްލޮމެޓިކް ރީތި ގޮތް ހޯދައި ކަންކަން ހައްލުކުރަން ބޭނުން ނުވާކަން ކަމަށް ފާހަގަކުރައްވައިފައެވެ. ނަތަންޔާހޫގެ ބޭނުމަކީ މެދުއިރުމައްޗާއި މުޅި ދުނިޔެ ބޮޑު ކާރިސާއެއްގެ ތެރެޔަށް ވައްޓައިލުން ކަމަށް އުރުދުގާން ވިދާޅުވިއެވެ.

ހުޅަނގުގެ ގައުމުތަކުން އިސްރާއީލަށް ވަމުން ދާ އެހީތަކަށް ފާޑުވިދާޅުވެ އުރުދުގާން ވަނީ ތުރުކީގެ ބޯޑަރު ސަރަހައްދު ބޭނުންކޮށް މެދުއިރުމަތީގައި ލޭއޮހޮރުވުމަށް ފުރުސަތު ނުދެއްވާނެކަމުގެ އިންޒާރުވެސް ދެއްވައިފައެވެ.