މިހާރު މި އޮތް ހާލަތުގައި، އެއްވެސް މަޝްވަރާއެއް ކުރާން ބޭނުން ނުވާ ކަމަށް އިރާނުގެ ދާހިލީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވެއްޖެއެވެ.

އިރާނާއި އިސްރާއީލު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަންނަން މަސައްކަތް ކުރާ މި ދަނޑިވަޅުގައި މެދުއިރުމަތީ ބޮޑު ހަނގުރާމައެއް ފެށުމުގެ ކޮޅުމަތި ދަނީ ފެންނަމުންނެވެ. އަދި ހަނގުރާމަ މެދުކަނޑާލުމަށް މަޝްވަރާ ކުރަން ރާވާފައިވާ ކަމަށް އޮފިޝަލުން އަންނަނީ ވިދާޅުވަމުނެނެވެ.

އިރާނުގެ ދާހިލީ ވަޒީރު އައްބާސް އަރާޗީ އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިރާނުން އެއްވެސް މަޝްވަރާއެއް ކުރާން ބޭނުން ނުވާ ކަމަށާއި އޮމާނަށް އިރާނުގެ އޮފިޝަލުންގެ ޓީމެއް ފޮނުވަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ވެސް ހަގީގަތެއް ނެތް ކަމަށެވެ.

އިރާނުން މަޝްވަރާކުރަން ދެކޮޅު ހަދާފައިވާއިރު އިރާނުގެ ދައުލަތުގެ ފްލައިޓެއް ރޭ ވަނީ އޮމާނަށް ޖައްސައިފައެވެ. އިރާނުގެ ފްލައިޓެއް އޮމާންގެ ވެރިރަށް މަސްކަޓަށް ޖައްސާފައިވާކަމަށް ފްލައިޓު ރާޑާގެ ޓްރެކިން އިން ވެސް ވަނީ ފެނިފައެެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ އިރާނުގެ އޮފިޝަލުން ވައިޓްހައުސްގައި ބައްދަލުކުރަން އެދިފައިވާކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް އދ ގައި ހުންނަ އިރާނުގެ މިޝަން އިން ވަނީ އިރާނުގެ އެއްވެސް އޮފިޝަލަކު ވައިޓްހައުސްގައި ބައްދަލުވުމަކަށް އެދިފައި ނުވާނެ ކަމަށް ބުނެފައެވެ.