މެކް ފައުންޑޭޝަނާ ގުޅިގެން ދިވެހިން ޑޮކްޓަރުންނަށް ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގެ އިފްތިތާހީ ސެޝަންގައި މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހައިރާތު ފައުންޑޭޝަނެއްގެ ގޮތުގައި އަށް އަހަރު އަދި ފައުންޑޭޝަންގެ 13 އަހަރު ދުވަހުގެ އިޖުތިމާއީ ތަރައްގީގެ ތަފާތު ޕްރޮގްރާމްތައް މެކް ފައުންޑޭޝަނުން ހިންގާފައިވާ ކަމަށެވެ. އެކަމަށް މެޑަމް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މެކް ފައުންޑޭޝަނުގެ "މޯ ދެން އަ މަދާ" ކެމްޕެއިނުގެ އެމްބެސެޑަރަކަށް އެކަމަނާ ހަމަޖެއްސެވުމުން އެކަމަށް ޝުކުރު އަދާކުރައްވައި، ސާޖިދާ ވިދާޅުވީ ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް، ފައުންޑޭޝަނުން ސްކޮލަޝިޕްގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގެ އިފްތިތާހީ ސެޝަންގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު-- ފޮޓޯ: ރައީސް އޮފީސް

މިއީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުން މަދު، އެހެން ނަމަވެސް މުހިންމު ދާއިރާއެއްކަން މެޑަމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެ ސަމިޓުގައި، ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ސާޖިދާ ވަނީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ދިގު މުއްދަތުގެ ޓެކްނިކަލް ޕާޓްނަޝިޕްތައް ގާއިމުކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ.

މީގެ އިތުރުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރު ސްކްރީނިން އާއި ނަފްސާނީ ސިއްހަތާ ގުޅުންހުރި ހިދުމަތްތައް ރަނގަޅު ކުރުމުގެ އިތުރުން ސިއްހީ ދާއިރާގައި އަންހެނުންގެ ލީޑާޝިޕަށް އެހީތެރިވުމާ ގުޅޭ ގޮތުން ވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ސާޖިދާ ވަނީ ދަރިމައިނުވުމާއި މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި އަންހެނުން ބާރުވެރިކުރުމާއި ހަކުރުބައްޔާއި ހައިޕަޓެންޝަން ފަދަ ބަލިތަކާއި އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މެކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަސައްކަތްތައް ވެސް، ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވައިފައެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސަމިޓަކީ އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ސަމިޓެކެވެ.