ކޮންމެ ރަށެއްގައި ފުލްޓައިމްކޮށް އެކެއް ނުވަތަ ދެ ކައުންސިލަރުން ތިބެފައި ދެން ތިބޭ ކައުންސިލަރުންނަކީ ސިޓިން އެލަވަންސެއް ދޭ ބަޔަކަށް ބަދަލުކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ބެލުމަށް މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ އިތުރަށް ދިރާސާކުރަން ލާމަރުކަޒީ ކޮމެޓީއަށް ފޮނުވައިފި އެވެ.

އެ ގަރާރަށް މަޖިލީހުގައި ހޫނު ބަހުސެއްވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ގަރާރު ކޮމެޓީއަށް ފޮނުވަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 52 މެންބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާމެދު މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށް މި ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

އެ ގަރާރުގައި ޝުޖާއު ވަނީ ކައުންސިލްތަކަށް ބޮޑު ހަރަދެއް ކުރަން ޖެހޭއިރު ކައުންސިލްތަކުން އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެވޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ފުލް ޓައިމް ދެ ކައުންސިލަރުން ތިބެފައި ދެން ތިބި ކައުންސިލަރުންނަށް ސިޓިން އެލަވަންސެއް ދިނުމުން ހަރަދު ކުޑަވެ އަދި ޕްރޮފެޝަނަލް އިލްމީ ގާބިލު އެތަކެއް ބައެއްގެ ވިސްނުމާއި ހަކަތަ ރަށްރަށުގެ ހިންގުމަށް ލިބިގެންދާނެ ކަމަށެވެ.

"ކައުންސިލަރުން ތިބި އަދަދު މުޅިއަކުން ގޯހެއް ނޫނެވެ. ނަމަވެސް ފުލްޓައިމްކޮށް ފަސް ކައުންސިލަރުން ތިބެން ޖެހޭތޯ މިއީ އުފައްދަން ޖެހޭ ސުވާލެކެވެ."އެ ގަރާރުގައި ޝުޖާއު ވިދާޅުވެފައިވެ އެވެ.

މިދިޔަ 15 އަހަރު ކައުންސިލްގެ ހަތަރު އިންތިހާބެއް ބާއްވައި އެތައް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް އެތައް ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނާން ނެތް ކަމަށް ވިދާޅުވިއެވެ.

"މި ނިޒާމުގެ ސަބަބުން މިހާތަނަށް ފާހަގަވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރީން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރީންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް މި ނިޒާމް ބައްޓަންވެގެން ގޮސްފައި އޮތުމެވެ."

ޝުޖާއު ވިދާޅުވީ އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓުން ގިނަ ފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އާންމުވެފައިވާ ކަމަށެެވެ. އަދި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ސީދާ ގޮތެއްގައި ހުރަސްއަޅާފައިވެސް އެބަހުރި ކަމަށެވެ.