އަޔަލެންޑާއި ޔޫކްރޭނަށް ކަނޑައަޅުއްވި ނޮން ރެޒިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ގައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ.

އެގޮތުން، އެ ދެގައުމަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެބޭފުޅުންނަށް ރުހުންދޭން މިއަދު ވަނީ ފާސްކޮށްފައެވެ.

އަޔަލޭންޑްގައި ހުންނަވާ ނޮންރެޒިޑަންޓް ސަފީރުކަމަށް ރުހުން ދިނީ އިރުތިޝާމް އާދަމް އަށެވެ. އިރުތިޝާމް އަކީ އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. ޔޫކްރެއިންގައި ހުންނަވާ ނޮންރެޒިޑަންޓް ސަފީރުކަމަށް ރުހުން ދިނީ ގީލާ އަލީ އަށެވެ. އޭނާއަކީ ބެލްޖިއަމަށާއި ޔޫރޮޕިއަން ޔޫނިއަންއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.