ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު ބަދަލުކުުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލު ހުރި ގޮތެއް ބަލަން އެމްޑީޕީން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

އެ ގަރާރުގައި އަމީން ވިދާޅުވީ އެ ދެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ދާއިރާތަކުގައި އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ މަގާމުގެ އަސާސީ މުސާރައިގެ، އެންމެ ގިނަވެގެން 10 އިންސަންތައަށް ވާ މިންވަރަށް ވުރެ އިތުރަށް މަސައްކަތް ކުރި ނަމަވެސް އިތުރަށް ފައިސާއެއް ނުލިބޭ ކަމަށެވެ.

އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފު ލައްވައި މަސައްކަތް ކުރުވުން މަނާވެފައިވީ ނަމަވެސް އެއަށްވުރެ އިތުރު ވަގުތު އެ އެދާއިރާތަކުގެ މުވައްޒަފުން މަސައްކަތްކުރަން ޖެހޭކަން އަމީން ފާހަގަކުރައްވާފައިވެ އެވެ.

އެ މައްސަލަތައް ހައްލުކުރަން ކުރެވިދާނެ އެއް ކަމެއްގެ ގޮތުގައި އެ ދާއިރާތަކަށް މުވައްޒަފުން އިތުުރުކުރުން އަމީން ފާހަގަކުރެއްވި އެވެ. ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ ދަށުން އިތުރުގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ސީލިންގަށް ވުރެ އިތުރަށް އެއްވެސް ފަރާތެއް ލައްވައި މަސައްކަތް ކުރުވަން ޖެހޭ ހާލަތުގައި އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އެކަށައެޅިފައި އޮތުން ކޮންމެހެން މުހިންމުކަމަށް ފާހަގަކުރެއްވި އެވެ.

އަމީންގެ ގަރާރުގައި ބުނެފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ހެދޭ ކޮންމެ ގަވާއިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ބާތިލު ވާނެކަން ވަޒީފާއާ ބެހޭ ގާނޫނުގައިި ބަޔާންކޮށްފައިވާކަމަށާއި، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކުން އިތުރު ގަޑީީގައިި މަސައްކަތްކުރަން ލާޒިމުވާ ހާލަތްތަކުގައި އެ ފަރާތްތަކުން އިތުރު ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބިގެންދާނެ ގޮތަކަށް ދައުލަތުގެ އުސޫލުތައް މުރާޖައާކުރަން ޖެހޭ އެވެ.

އެހެންވެ، އެ ދެ ދާއިރާގެ މަސައްކަތްތެރީންގެ މަސައްކަތުގެ ފެންވަރާއި ހާލަތް ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށްޓަކައި ހިއުމަން ރިސޯސް އޮޑިޓެއް ހަދައި، އިތުރު ގަޑީގައި މަސައްކަތް ކުރުވުމުގެ އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި އެކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.