އިޒްރޭލާއި އީރާނާ ދެމެދު މިހާރު ހިގަމުންދާ ހަނގުރާމައަކީ ޚަރަދުގެ ގޮތުން ދެފަރާތަށްވެސް ވަރަށް ގެއްލުންބޮޑު ހަނގުރާމައެކެވެ. މިއީ އެއްގަމުން ކުރެވޭ ހަގުރާމައެއް ނޫނެވެ. ވައިގެ މަގުން ކުރެވޭ ހަގުރާމައެކެވެ. ބޭނުންކުރަމުން ދަނީ މަތިންދާބޯޓާއި ޑްރޯނެވެ. މިސައިލާއި ރޮކެޓެވެ. ހަމަލަދިނުމަށާއި ދިފާއަށެވެ. އެހެންވީމާ ޚަރަދުގެ ވާހަކަ ދައްކާއިރު ތިން ބަޔަކަށް ބަލައިލަން ޖެހެއެވެ. ހަމަލަދިނުމުގެ ޚަރަދެވެ. އެއަށްފަހު ދިފާއުވުމުގެ ޚަރަދެވެ. އެންމެފަހަކަށް ހަމަލާތަކުގެ ސަބަބުން ތަންތަނާއި އިމާރާތްތަކާއި ކާރުޚާނާތަކަށް ލިބިފައިވާ ގެއްލުންތަކެވެ. އިޒްރޭލާއި އީރާނުގެ ހަނގުރާމައިގެ ހަތަރުވަނަ ދުވަސް ގުނެމުންދާއިރު ކޮންމެ ބަޔަކަށްވެސް ލިބިފައިވާ ގެއްލުންތައް ބިލިޔަނުން މައްޗެވެ. އެހެންވީމާ މި ހަގުރާމަ ދެމިގެން ހިގައްޖެނަމަ މިއީ ދުނިޔޭގެ ތާރީޚުގައިވެސް ފަހަކަށް އައިސް ކުރެވޭ އެންމެ ޚަރަދު ބޮޑު ހަނގުރާމަކަމަށް ވެދާނެއެވެ. އެކަމަށް މަގުފަހިވަނީ ހަގުރާމަ ކުުރެވޭގޮތާއި ބޭނުންކުރެވޭ ވަސީލަތްތަކުންނެވެ. އެކަންކަމަށް ރިއާޔަތްކުރީމާ މިއީ ދެމެހެއްޓިދާނެ ހަނގުރާމައެއް ކަމަކަށް ނުފެނެއެވެ.

އިޒްރޭލުގެ ދިފާއީ ޚަރަދު

އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމު އެކުލެވިގެންވަނީ ތިން ފަށަލައެއްގެ މައްޗަށެވެ. އެއްފަށަލަޔަކީ ދަގަޑު ގުއްބުގެ ނަމުން މަޝްހޫރުވެފައިވާ ނިޒާމެވެ. މިނިޒާމުގެ ބޭނުމަކީ އިޒްރޭލާ ދިމާލަށް އަންނަ ޑްރޯނާއި ޖެޓްތަކާއި މިސައިލްތައް ޖައްވުގެ ތެރޭގައި ނައްތައިލުމެވެ. މިނިޒާމުގައި ބޭނުންކުރެވޭ ކުރުރާސްތާގެ ކޮންމެ މިސައިލެއްގެ އަގަކީ ގާތްގަނޑަކަށް އެއްލައްކަ ޑޮލަރެވެ. ދެވަނަ ފަށަލަޔަކީ ދާއޫދުގެ ސާޅަނގައޭ ކިޔުނު ނިޒާމެކެވެ. މިނިޒާމުގައި ބޭނުންކުރެވޭ ކޮންމެ މިސައިލެއްގެ އަގަކީ ގާތްގަޑަކަށް އެއްމިލިޔަން ޑޮލަރެވެ. އެންމެފަހުގެ އަދި ތިންވަނަ ނިޒާމަކީ ތީރުގެ ނިޒާމޭ ކިޔުނު ނިޒާމެކެވެ. މިނިޒާމުގައި ބޭނުންކުރެވޭ ކޮންމެ މިސައިލެއްގެ އަގަކީ ދޮޅު މިލިޔަން ޑޮލަރެވެ. އޭގެ މާނައަކީ ކޮބައިހެއްޔެވެ. އީރާނުން އިޒްރޭލާ އަމާޒުކޮށް މިސައިލްތައް ފޮނުވަނީ ރާޅުތަކެއްގެ މިސާލުގައެވެ. ކޮންމެ ރާޅެއްގައި ގާތްގަޑަކަށް ސަތޭކަ މިސައިލެވެ. ކޮންމެ ދުވަހަކު މަދުވެގެން ތިން ރާޅު އެބަފެނެއެވެ.

އިޒްރޭލުގެ އުދުވާނުގެ ޚަރަދު

ކުރިން ދެންނެވި މިސައިލްތައް ވައިގެތެރޭގައި ނައްތާލުމަށް އިޒްރޭލުގެ ތިންފަށަލައިގެ ގުޅިފައިވާ ދިފާއީ ނިޒާމުގެ ތެރެއިން އެތައްސަތޭކަ މިސައިލެއް ކޮންމެ ދުވަހަކު ބޭނުންކުރަން އެބަޖެހެއެވެ. އުދުއްސައިލީމާ އޭގެ ބޭނުން އެއޮތީ ނިމިފައެވެ. ކާމިޔާބުވިޔަސް ނުވިޔަސްއެވެ. އެހެންވީމާ މި ނިޒާމުތައް އޮޕަރޭޓްކުރަން ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްބިލިޔަން ޑޮލަރު އެބަޚަރަދުވެއެވެ. އެއީ އެންމެ މަދު މިންވަރެވެ. އިޒްރޭލުން އީރާނާ ދެކޮޅަށް ހަމަލަދިނުމަށް ބޭނުންކުރަނީ އެކިވައްތަރުގެ ޖެޓުތަކާއި އެކި ވައްތަރުގެ މިސައިލްތަކެވެ. ދެން ބިންގަރާސްތައް ފޫއަޅުވައިލާ ކަހަލަ ޚާއްސަ ބޮންތަކެވެ. ކޮންމެ ދުވަހަކުވެސް އީރާނުގެ ކަންކޮޅުތަކުގައި ތިންސަތޭކައެއްހައި ހަމަލަ ހިންގާއިރު މި އޮޕަރޭޝަނަށް ކޮންމެ ދުވަހަކުވެސް ގާތްގަޑަކަށް އެއްބިލިޔަން ޑޮލަރުގެ ހަތިޔާރު އެބަ ބޭނުން ކުރެއެވެ. އެހެންވީމާ ހިސާބު ހަދައިލަމާބަހީއެވެ. ދިފާއަށް ކޮންމެ ދުވަހަކު އެއްބިލިޔަނެވެ. ހަމަލާދިނުމަށްވެސް އެއްބިލިޔަނެވެ.

އިޒްރޭލުގެ އިގްތިސާދަށް ލިބެމުންދާ ގެއްލުންތައް

ނަތީޖާއެއް ނެރެވުނަސް ނުނެރެވުނަސް ދުވާލަކު މަދުވެގެން ދެ ބިލިޔަން ޑޮލަރު އަޅިއަށްވެގެން އެބަދެއެވެ. އެ ޚަރަދު ހަފުތާއަކަށް ބަލާނަމަ އަރަނީ ސާދަ ބިލިޔަން ޑޮލަރަށެވެ. ދެންއޮތީ އިޒްރޭލަށް އިތުރު ގޮތްގޮތުން ލިބެމުންދާ ގެއްލުންތަކެވެ. ވަރަށް ގިނަ ކާރުޚާނާތައް ފުނޑިއްޖެއެވެ. އެކްސްޕޯޓް ގާތްގަނޑަކަަށް ސުމަކަށް ހިގާއްޖެއެވެ. ޓޫރިޒަމްގެ ސިނާއަތު ހުއްޓުމަކަށް އަތުވެއްޖެއެވެ. އެއަރޕޯޓުތަކުގެ އޮޕަރޭޝަން މެދުކެނޑިއްޖެއެވެ. އެތައްއެތައް އިމާރާތަކާއި ފެކްޓަރީތައް ސުންނާފަތި ވެއްޖެއެވެ. އަދިވެސް ދަނީ ވަމުންނެވެ. އެހެންވީމާ ދުވާލެއްގެ މައްޗަށް މިގޮތުން ލިބެމުންދާ ގެއްލުންތައް އަންދާޒާކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަކުވެސް އަންދާސީ ހިސާބެއް ހަދައިލާނަމެވެ. ހަތިޔާރުތަކުގެ ޚަރަދު ނުހިމަނައި އިޒްރޭލުގެ މުޅި އޮނިގަޑަށް ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް ތިން ބިލިޔަން ޑޮލަރުގެ ގެއްލުންތައް އެދަނީ ވަމުންނެވެ. މިގޮތަށް ހިސާބު ޖަހައިލީމާ އެންމެ ހަފުތާއަކުން ގާތްގަޑަކަށް ސާޅީސް ބިލިއަން ޑޮލަރުގެ ގެއްލުން އެބަވެއެވެ.

އީރާނުގެ ޚަރަދުތައް

އިޒްރޭލުގެ ދިފާއީ ބަޖެޓްގެ މިންވަރަކީ އަހަރަކު 25 ބިލިއަން ޑޮލަރެވެ. މިއަށްވުރެ މާބޮޑު އަދަދެއް މި ހަނގުރާމަ ކުރިއަށް ގެންދާނަމަ ކޮންމެ ހަފުތާއަކުވެސް ގެއްލިގެން އެބަދެއެވެ. އީރާނުގެ ޚަރަދުތަކާއި ގެއްލުންތައްވެސް ބަހައިލަން ޖެހެނީ ތިންބަޔަކަށެވެ. ހަމަލަދިނުމުގެ ޚަރަދުތަކާއި ދިފާއުގެ ޚަރަދުތަކެވެ. ދިފާއީ ޚަރަދުތައް ލަފާކުރަންވެސް ފަސޭހައެއް ނޫނެވެ. އީރާނުން ބޭނުންކުރާ ސިސްޓަމްތަކާއި ހަތިޔާރުތަކުގެ ގޮތާއިބާވަތް ނޭގޭތީއެވެ. އެކަމަކު ހަމަލަދިނުމުގެ ޚަރަދު އަންދާޒާކޮށްލަން ފަސޭހައެވެ. ބޭނުން ކުރަނީ މިސައިލްތައް ކަމުންނެވެ. އީރާނުން ކޮންމެ ރާޅެއްގައި ބޭނުންކުރާ މިސައިލްތަކަށް ވިސްނީމާ ކޮންމެ ރާޅަކަށް މަދުވެގެން ގާތްގަނޑަކަށް ސަތޭކަ މިލިޔަން ޑޮލަރެވެ. މިހާރު ހަމަލައިގެ ރާޅުތައް ފެންނަ ގޮތަށް ބަލާއިރު ދުވާލަކު ތިންސަތޭކަ މިލިޔަން ޑޮލަރެވެ. އީރާނަށް އެންމެ ބޮޑު ގެެއްލުމަކީ އިގްތިސާދީ ގެއްލުމެވެ. އެކްސްޕޯޓް ހުއްޓުމެވެ. ތެޔޮއުފައްދާ ތަންތަނާއި ނިއުކުލިއާ ރިއެކްޓަރުތަކާއި ސިނާއީ މަރުކަޒުތަކާއި ބަނދަރުތަކަށް ލިބެމުންދާ ގެއްލުންތައް ގިނަގުނައެވެ.

ދުނިޔޭގެ ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު

ފާއިތުވީ ތިންދުވަހުގެ ގެއްލުންތައް އެކަނި ހިމެނިކަމުގައިވިޔަސް ލިބެމުންދާ ރިޕޯޓްތަކުން އެނގެނީ އަދަދުތައް ފަންސާސް ބިލިޔަނަށް އަރާނޭކަމެވެ. ގައިމުވެސް އެއަށްވުރެ ކުޑައެއް ނުވާނެއެވެ. މިކަންކަމަށް ބެލީމާ މި ހަގުރާމައިގެ ޚަރަދުގެ ބޮޑުކަން މޭރުންވެއެވެ. އަދި އެއްބަޔަކަށްވެސް ދިގު މުއްދަތަކަށް ހަގުރާމަ ދެމެހެއްޓުމުގެ އިގްތިސާދީ އަދި މާލީ ކެރިފޯރުންތެރިކަން ލިބިގެންނުވާ ކަމަށްވެސް އަންދާޒާކުރެވެއެވެ. ދެންއޮތީ ހަގުރާމަ ފުޅާވެއްޖެނަމަ ލިބޭނޭ ގެއްލުންތަކެވެ. ހަގުރާމަ ފުޅާވުމަކީ އިތުރު ގައުމުތައް މިކަމުގެ ތެރެއަށް ވަނުމެވެ. އެމެރިކާޔާއި ގަލްފުގެ ގައުމުތަކުންނެވެ. ގަލްފުގެ ގައުމުތަކުން ވަނަސް ވަންނާނީ އީރާނާ ދެކޮޅަށެވެ. އެކަން ޔަގީނެވެ. އެހިސާބުން ދެން މުޅި ދުނިޔޭގެ މައްސަލައަކަށްވީއެވެ. އެހިސާބުން ދެން ގެއްލުންތައް ގުނޭނީ ބިލިޔަނަކުން ނޫނެވެ. ޓްރިލިއަނުންނެވެ. ދުނިޔޭގެ މުޅި އިގްތިސާދަށް އެކަމުގެ ލޮޅުންތައް އަރާނެއެވެ. މިހާރު މިދާގޮތުން އެހިސާބަށް ނުދާނެޔޭ ބުނަން ދައްޗެވެ.