ވިއްކާ މުދަލަށް ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ކެޔޮދު ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި ގަރާރުގައި ވަނީ މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. ގައި ޖީއެސްޓީ ލާޒިމުވާ ވަގުތު ކަމަށް ބަލަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި އަގު ނުވަތަ އަގުން ބައެއް ނަގާ ވަގުތު ކަމަށެވެ.
ގަރާރުގައި ވަނީ އެ ގާނޫނުގައި އެގޮތަށް އޮތުމުގެ ސަބަބުން މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމް ވެގެން ދިޔަ ނަމަވެސް، އެ މުދަލެއްގެ ނުވަތަ ހިދުމަތުގެ އަގު ވިޔަފާރިތަކަށް ނުލިބި އޮތުމަކީ އާންމު ކަމަކަށްވެފައިވާ ކަމަށް ގަރާރުގައިވެއެވެ.
ގަރާރުގައި ވަނީ މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ އެ މުދަލެއް ވިއްކި އަދި ހިދުމަތް ފޯރުކޮށްދިން ފަރާތުގެ ބާރު ހިނގާ ކަމަކަށް ނުވާތީ، އެ ފަރާތުން ވަކި މުއްދަތެއްގެ ކުރިން ޓެކްސް ދެއްކުން ލާޒިމު ކުރުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.
ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ފަހު އޭގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކޮށް އެތަންތަނަށް ހުށަހަޅާފައިވީ ނަމަވެސް، އެ އިންވޮއިސްތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ވެފައިވާ ކަމަށް ބުނެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށް ގަރާރުގައިވެއެވެ.
ފައިސާ ނުލިބިގެން ޓެކްސް ނުދައްކާ އޮތުމުން އެ ވިޔަފާރިތަކަކީ ދައުލަތަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކެއް ކަމަށް ދައުލަތުން ކަނޑައަޅާ ކަމަށާއި އަދި ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އެފަދަ ވިޔަފާރިތަކާ މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ ދައުލަތުން ހިންގާ އިގުތިސޯދީ ޖަރީމާއެއް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
އޭގެ ސަބަބުން ވިޔަފާރިތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާތައް ގެއްލި އަދި ރާއްޖޭގެ އިގުތިސޯދު ހީނަރުވެ، މީހުންގެ ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ ކަމަށް ފެންނާތީ، މިކަމަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމަކަށްވާތީ މަޖިލީހުގައި އެ މައްސަލައިގައި ބަހުސް ކުރުމަށް ހުށަހަޅާ ކަމަށް ވެސް ގަރާރުގައިވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް