އިރާނުން ދެމުންދާ ހަމަލާތަކުގައި އިސްރާއީލުގެ އެކަކު މަރުވެ 60 އަށްވުރެ ގިން މީހުނަށް އެކި ވަރުގެ އަނިޔާވެއްޖެއެވެ.

އިސްރާއީލުން އިރާނަށް އިއްޔެ ދިން ހަމަލާތަކަށް ފަހު މެދުއިރުމަތީގެ ހާލަތު ގޯސްވެފައިވާއިރު އިރާނުން ވަނީ ރައްދު ހަމަލާތައް ދޭން ފަށައިފައެވެ. އެ ހަމަލާތަކުގައި މިހާތަނަށް އަންހެނަކު މަރުވެފައިވާއިރު 60 އަށްވުރެ ގިނަ މީހުނަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް އިސްރާއީލުން ބުނެއެވެ. އަދި އަނިޔާވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިރާނުން މިހާތަނަށް ތިން ބުރެއްގެ މަތީން މިސައިލުތައް ފޮނުވާލާފައިވައިރު އެންމެ ފުރަތަމަ ބުރުގައި އިއްޔެ ހަވީރު ފޮނުވާލި މިސައިލުތައް އިސްރާއީލާއި އުރުދުން ގުޅިގެން ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނުން ދެވަނަ ބުރުގެ ހަމަލާތައް ރޭ ދަންވަރު ދީފައިވާއިރު އެ ހަމަލާތައް ހުއްޓުވުމަށް އިސްރާއީލަށް ވަނީ އުނދަގޫތަކާ ކުރިމަތިވެ ބައެއް މިސައިލުތައް އެ ގައުމަށް ވެއްޓިފައެވެ. އިސްރާއީލުގެ ނޫސްތަކުން ވަނީ އިރާނުން ރޭ ދަންވަރު ދިން ހަމަލާ އަމާޒުވެފައިވަނި އިސްރާއީލުގެ މިލިޓަރީ ހެޑްކުއާޓަރަށް ހަމަށް ރިޕޯޓުކޮށްފައެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު އެ ސަރަހައްދުގެ އިމާރާތްތަކަށް ވެސް ބޮޑެތި ގެެއްލުންތަކެއް ވެފައިވެއެވެ.

އިރާނުން ފޮނުވާލި ތިންވަނަ ބުރުގެ ހަމަލާ ރޭ ފަތިހު ފޮނުވާލާފައިވާއިރު މިއަދު ހެނދުނުގެ ވަގުތުތަކުގައި އިސްރާއީލަށް ފޯރާނެ ކަމަށް އޮފިޝަލުން ބުނެއެވެ. ތިން ވަނަ ބުރުގެ ހަމަލާއަށް އިރާނުން 1800 މިސައިލު ފޮނުވާފައިވާކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ. އިސްރާއީލުން ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައި މުޅި އިސްރާއީލުގައި އެލާޓް ނެރެފައެވެ. އަދި ފަތިހުން ފަށައިގެން އިސްރާއީލުގެ އެކި ސަރަހައްދުތަކުން މިސައިލުގެ ނުރައްކަލުގެ ސައިރަން އަޅުވާފައެވެ.

އިސްރާއީލުން އިއްޔެ އިރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި އިރާނުން 78 މީހުން މަރުވަފައިވާއިރު 320 މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް އިރާނުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނެެއެެވެ.