އެއާ އިންޑިއާ ފްލައިޓު ވެއްޓުނީ ދޫންޏެއްގައި ޖެހުމުން ކަމަށް އޭވިއޭޝަން ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނެފިއެވެެ.

އިންޑިއާގެ އަހުމަދުއާބާދުން ލަންޑަނަށް ދަތުރުކުރި އެފްލައިޓު ރަންވޭއިން ނައްޓާލިތާ އިރުކޮޅެއްގެ ތެރޭ ވެއްޓިފައިވާއިރު ފްލައިޓު ވެއްޓެން ދިމާވި ސަބަބު ހޯދުމަށް ތަހުގީގު ވަނީ ފަށައިފައެވެ.

ފްލައިޓު ވެއްޓެން ދިމާވި ސަބަބު ހޯދުމަށް ބޭރުގެ އެހީގައި އިންޑިއާގެ އިދާރާތަކުން ގުޅިގެން މަސައްކަތް ފަށާފައިވާއިރު އޭވިއޭޝަން ދާއިރާގެ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ވަނީ އެ ފްލައިޓު ވެއްޓެން ދިމާވި ކަމަށް ބެލެވޭ ސަބަބު ހާމަކޮށްފައެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ ޗީފް ފްލައިޓު އިންސްޕެކްޓަރު އަދި ބޮއިން 777 ފްލައިޓު ދުއްވުމުގައި 15 އަހަރުގެ ދަޖުރިބާ ހުރި ކެޕްޓަން ސީއެސް ރަންދަވާ ވަނީ ފްލައިޓު ވެއްޓެން މެދުވެރިވި ތިން ސަބަބެއް އޮވެދާނެ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ދޫންޏެއް ފްލައިޓާ މުޑިއަރައި ދެ އިންޖީނު ނިވުމުގެ އިތުރުން ފްލައިޓަށް އަޅާފައިވާ ތެލުގައި ފެނުގެ އަސަރު ހުރުން ސަބަބަކަށް ވެދާނެ ކަމަށް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން އެއީ ފްލައިޓު ނައްޓާލި ވަގުތު ކަމުން އެއީ ފްލައިޓުގެ ކޮންޓްރޯލް ޖޭމް ވެގެން ހިނގި ހާދިސާއަކަށް ވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައެވެ.

ކެޕްޓަން ސީއެސް ރަންދަވާ ވަނީ ފްލައިޓު ވެއްޓެން ދިމާވި ކަމަށް އެންމެ ބޮޑަށް ބުރަ ވެވެނީ ދޫންޏެއް ޖެހުމުގެ ސަބަބުން ކަމަށް ފާހަގަކޮށްފައެވެ.

ކެޕްޓަން ވަނީ މި ޑްރީމްލައިނާ އެއާކްރާފްޓް ރަންވޭއިން ނައްޓާލާއިރު އެ ފްލައިޓުގައި 70،000 ލީޓަރުގެ ތެޔޮ ހުންނާނެ ކަމަށާއި ފްލައިޓު ނައްޓާލުމާއެކު ފްލައިޓު އޮޓޯ ޕައިލެޓަށް ލާނެ ކަމަށް ބުނެފައެވެ. ނަމަވެސް ފްލައިޓު 500 އާއި 600 ފޫޓަށް އެރިފަހުން ނުރައްކަލުގެ މޭޑޭ ކޯލް އޭޓީސީއަށް ދިން ކަމަށާއި ފްލައިޓު ވެއްޓުމާ ދޭތެރޭ ގިނަ ވަގުތުތަކެއް ނުހިނގާ ކަމަށެވެ.

ކެޕްޓަން ސީއެސް ރަންދަވާ ބުނީ ފްލައިޓުގައި ދޫންޏެއް ނުވަތަ ދޫނިތަކެއް ޖެހުން އެކަށީގެން ވާ ކަމަށާއި އެކަމުގެ ސަބަބުން ދެ އިންޖީނު އެއްފަހަރާ ނިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ކެޕްޓަން ރަންދަވާ ބުނީ އަހުމަދުއާބާދާއި އިންޑިއާގެ އާގަރާ އެއާޕޯޓު ހިމެނޭ ސަރަހައްދަކީ ދޫނި ގިނަ، ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ފާހަގަވާ ސަރަހައްދެއް ކަމަށެވެ.

އޭވިއޭޝަން ސޭފްޓީ ކޮންސަލްޓަންޓް އަދި އިންސްޓްރަކްޓަރު ކެޕްޓަން މޯހަން ރަންގަނަތަން ވެސް ބުނެފައިވަނީ ފްލައިޓު ފުރި އަހުމަދުއާބާދު ސަރަހައްދަކީ އާދަޔާ ހިލާފަށް ދޫނި ގިނަ ސަރަހައްދެއް ކަމުން، ދޫނީގެ ސަބަބުން އެފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެއާ އިންޑިއާ ފްލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގު ފަށާފައިވާއިރު އެ ތަހުގީގުގައި އެހީތެރިވުމަށް އެމެރިކާ އާއި އިނގިރޭސި ތަހުގީގީ ޓީމުތައް ވަނީ ބައިވެރިވެފައެވެ.