ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ އޮގަސްޓު މަހުގެ ފަހުކޮޅުގެ ކުރިން ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފެށޭނެ ކަމަށް މިނިސްޓަރު ފުރަތަމަ ވިދާޅުވީ، އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީ ލައިންގެ ހިދުމަތް ފަށާއިރު، އެކި ސައިޒުތަކުގެ ކާރު ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރުތައް ވެސް ހިމެނޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރުގެ އަންދާޒާއަކީ، އަންނަ އޮގަސްޓު މަހުގެ ފަހުކޮޅުގައި އެ ހިދުމަތް ފެށުން ކަމަށެވެ.

"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއީ އަޅުގަނޑުމެން ސްޓޯރަކަށް ވަދެފައި ޝެލްފަކުން ގަންނަން ލިބޭ ކަހަލަ އެއްޗިއްސެއް ނޫން. އަޅުގަނޑުމެން ބޭނުންވާ ސައިޒުގެ ޓެކްސީ އަދި ބޭނުންވާ ހުރިހާ އިކުއިޕްމަންޓުތައް ހަރުކޮށްގެން ގެންނައިރު، ބައެއް ބަދަލުތައް ވެސް އަންނާނެ، މިހާރުގެ ޓައިމްލައިން ދައްކާ ގޮތުން އޮގަސްޓު ފަހުކޮޅަށް ވުރެ ލަހެއް ނުވާނެ ޓެކްސީ ލައިން ފެށުމެއް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ގެންނަ ކާރުތަކުގެ ޕްރޮޑަކްޝަން މަސައްކަތް މި މަހުގެ ދިހަ ވަނަ ދުވަހު ފެށޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުން ޓެކްސީ ލައިނެއް ފެށި ނަމަވެސް މިހާރު ޓެކްސީ ކުރާ އެއްވެސް ޑްރައިވަރަކަށް ދަތި ނުވާނެ ކަމަށާއި ޑްރައިވަރުންނަށް އިތުރު ފުރުސަތުތައް އެކަމުން ފަހިވެގެންދާނެ ކަމަށެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.