އިދިކޮޅު ސިޔާސީ މީހުން ހިމެނޭހެން ތުރުކީގައި ގިނަބަޔަކު ހައްޔަރުކޮށްފިއެވެ.

ތުރުކީގެ އޮފިޝަަލުން ވަނީ ކޮރަޕްޝަންގެ ތުހުމަތު އުފުލާފައިވާ މީހުން ހައްޔަރުކޮށް މައްސަލަ ބަލަން އެގައުމުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި އިއްޔެ އެ ގައުމުން 30 މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ.

ތުރުކީގެ ވެރި ރަށް އިސްތަންބޫލްގައި ހުންނަ ޗީފް ޕަބްލިކް ޕްރޮސިކިއުޓަރ އޮފީހުން ވަނީ އެ ގައުމުގެ 47 މީހަކު ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ. އޮފިޝަލުން ވަނީ މިހާތަނަށް ހައްޔަރުކޮށްފައިވަނީ 30 މީހަކު ކަމަށާއި އޭގެ ތެރޭގައި އެ ގައުމުގެ އެކި ކަންކޮޅުތަކުގެ މުނިސިޕަލް މޭޔަރުންގެ އިތުރުން ސަރުކާރާ ގުޅުން ހުރި އިސް އޮފިޝަލުން ވެސް ހިމެނޭ ކަމަށް ފާހަގަކޮށްފައެވެ.

ތުރުކީގެ ސަރުކާރުން ހިންގަން ފަށާފައިވާ އެ އޮޕަރޭޝަންގައި މީގެ ކުރީން ވެސް ކޮރަޕްޝަންގެ ތުހުމަތުވާ ގިނަ ބަޔަކު ހައްޔަރުކޮށްފައިވެއެެވެ. އޭގެ ތެރޭގައި އިދިކޮޅަށް ނިސްބަތްވާ ގިނަ ބަޔަކު ހިމެނޭއިރު ތުރުކީގެ ވެރިރަށް އިސްތަންބޫލުގެ މޭޔަރު އެކްރެމް އިމަމޮގުލޫ ވެސް ވަނީ ހައްޔަރުކޮށްފައެެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި މީހުން ހައްޔަރުކުރަން ފެށުމާއެކު ތުރުކީ ސަރުކާރަށް ވަނީ ގިނަ ފިއްތުންތަކެއް ކުރިމަތިވެފައެވެ. ޖަވާބުގައި ސަރުކާރުން ވަނީ އެއްވެސް މީހެއްގެ މައްޗަށް ސިޔާސީ ދައުވާއެއް އުފުލާފައި ނުވާނެ ކަމަށާއި އެ ގައުމުގެ ޖުޑިޝަރީއަކީ މިނިވަން ތަނެއް ކަމުގައި ފާހަގަކޮށްފައެވެ.

އޮފިޝަލުން ވަނީ މިހާތަނަށް އެ ގައުމުގައި ކޮރަޕްޝަން މައްސަލަތަކާ ގުޅުން ހުރި 110 މީހުން އެކި ފަހަރުމަތިން ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްފައެވެ.