ހާއްސަ ދާއިރާތަކުން މީހުން ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި، ޑޮކްޓަރުންގެ ޕޭގްރޭޑަށް ވަގުތީ ބަދަލުތަކެއް ގެނެސްގެން ނަމަވެސް، ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުގެ ހާއްސަ ޑޮކްޓަރުން ހޯދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ރޭ ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ ވަޒީފާތައް އިތުރު ކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާތާނަށް ޖުމްލަ 1200 އަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށެވެ. އޭގެތެރޭގައި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެކަނި 740 ވަޒީފާއަށް ހުއްދަދީ، 646 މުވައްޒަފުން މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެހެން ސަރަހައްދުތަކުގައި 460 ވަރަކަށް ވަޒީފާއަށް ހުއްދަދީ، މުވައްޒަފުން ނަގަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިކަމުގައިވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ، ހައިރާންވާ ކަމެއްވެސް އެބައޮތް. ނަރުހުން ހޯދުމުގައި ދަތިކަމެއް އެބަދިމާވޭ. މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި އިއްޔެ މި ހުޅުވި 75 ބެޑުގެ ސާޖިކަލް ވޯޑާއި މިހެންގޮސް އެކްސްޕެންޝަންގެ ތެރޭގައި، ފުޅާކުރުމުގެ ތެރޭގައި، އަޅުގަނޑުމެން ހުއްދަ ދިނިން 218 ވަޒީފާއަށް މުވައްޒަފުން ނަގަން. ބަޖެޓާއި ހުރިހާ ކަމެއް ހަމަޖެހިފައި. މީގެތެރެއިން، 70 ވަރަކަށް ނަރުހުން ނުލިބިގެން، އަޅުގަނޑު އެންމެ ފަހުން މައުލާމާތު ލިބުނީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ ފަރާތުން، ތިމަންނަމެން މިޖެހެނީ ބޭރު މީހުން ހަޔާ ކުރާށޭ މިހާރު. އެކަމަކު އަޅުގަނޑުމެން ޔުނިވަސިޓީގެ ފަރާތުން ނަރުހުން ތަމްރީނު ކުރޭ. އެހެންވީމާ، އަޅުގަނޑު މި އެދެނީ ތަމްރީނު ލިބިފައި ތިބި ދިވެހި ނަރުހުން، މި ދާއިރާ ތެރެއަށް ނުކުމެވަޑައިގަތުމަށް. ނުކުމެވަޑައިގެން، ދިވެހިންގެ އަމިއްލަ ދާއިރާއަކަށް މި ދާއިރާ ހައްދަވާށޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެހެން ބޭނުންވާ ސުޕަ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުން ރާއްޖޭގައި ނެތް ދާއިރާތައް އެބަހުރި ކަމަށެވެ.
"އަޅުގަނޑު ކުރިން ދެންނެވިހެން، ރާއްޖެއިން ބޭރަށް ރައްޔިތުން ދާންޖެހޭ ދިޔުން މަދުކުރުމަށްޓަކައި، އަޅުގަނޑުމެން ޕޭގްރޭޑަށް ގެންނަންޖެހޭ ބަދަލުތަކާއި ހުރިހާ ކަންކަން ވަގުތީ ގޮތުން ދެތިން އަހަރެއް މަތިކޮށްގެންވިޔަސް، ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުގެ ހާއްސަ މީހުން ގެންނާނަން. ޑޮކްޓަރުން ގެންނާނަން. އަޅުގަނޑު ވާނީ މިހާރު އެވާހަކަވެސް ދަންނަވާފައި ސީއީއޯއަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެންޑޯސްކޮޕީ، އެކިކަހަލަ ސްކޯޕީތައް ހަދަން ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރީ އެންމެ ދިވެއްސެއް ކަމަށާއި ދިވެހިން އިތުރު ކުރުމަށް ބަޖެޓް ހަމަޖައްސަވާނެ ކަމަށެވެ.
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ