ދުންފަތާ ދެކޮޅަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމަށް އެ މަނިކުފާނަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑު ރޭ އަރުވައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކަށް ޑަބްލިޔުއެޗްއޯ އިން ކޮންމެ އަހަރަކުވެސް އެކި ފަންތީގެ އެވޯޑްތައް ދެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނޮމްގެ އެވޯޑު ރައީސް މުއިއްޒާ ހަވާލު ކޮށްދެއްވީ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދުއެވެ.

ރައީސް އޮފީހުން ބުނީ ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާގެ ޑިރެކްޓަ ޖެނެރަލް ޑރ. ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް މި އެވޯޑް، އިއުލާން ކުރައްވާފައިވަނީ، ރައީސް، ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑާޝިޕާއި ދުރުވިސްނުންފުޅަށް ތާރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގައި ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި އަލަށް ތައާރަފުވަމުން އަންނަ ނިކޮޓިންގެ ބާވަތްތައް ފެތުރުން މަދުކުރުމަށް، ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތައުރީފުކޮށްފައެވެ.

ރައީސް މުއިއްޒު ގެންދަވަނީ ދުންފަތާ ދެކޮޅަށް ރާއްޖޭގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ވޭޕް ބުއިމާއި ވިއްކުން އެއްކޮށް މަނާކޮށްފައިވާއިރު ސިނގިރޭޓުން ނަގާ ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން ގާނޫނަކުން މަނާކޮށްފައެެވެ.