ކުރީ ސަރުކާރުން ނެރުނު ފްލެޓު ލިސްޓުގައި ހިމަނާފައި ހުރި "ޝަރުތު ހަމަނުވާ" މީހުން ލިސްޓުން އުނި ކުރުމަށްފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފްލެޓު ދޭން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ފްލެޓް ލިސްޓުގެ ފައިނަލް ލިސްޓުގެ ގޮތުގައި އަލުން އާ ލިސްޓެއް ނުނެރޭނެ ކަމަށެވެ.

"ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023، ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން، އިންފްރަސްޓަކްޗާ އިން ކޮށްފައިވާ އިއުލާނާ އެކު ވާ ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް. އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް، ފައިނަލް ލިސްޓުގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އޭސީސީން އަންގާފައިވާ ގޮތަށް ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށެވެ. ނަމަވެސް އެ މީހުންނަށް ވެސް އެޕީލް ކުރުމުގެ ފުުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

"އެ ލިސްޓުން ޝަރުތު ހަމަނުވާ ކަމަށް ސާބިތުވާ މީހުންނަށް އެޕީލް ކުރަން ފުރުސަތު ދީ އަންގައި މުއާމަލާތް ކުރަމުން ދާނީ. އެފަދަ ފަރާތްތަކަށް އެ ޕްރޮސެސްތައް ނިމިގެން ފްލެޓް ނުލިބޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ކުރީގެ ލިސްޓް މުރާޖައާކޮށް 27 ފެބުރުއަރީގައި ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލައިފައެވެ. އެ ލިސްޓްގައިވާ ގޮތުން ޝަރުތު ހަމަވެފައި ވަނީ 1،820 މީހުންނެވެ. އެ ލިސްޓަށް 8،000 އަށް ވުރެ ގިނަ ޝަކުވާ ވަނީ ލިބިފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، 4،000 ފްލެޓުގެ ތެރެއިން މިހާތަނަށް އަދި ނިމިފައި ވަނީ 1،000 ފްލެޓް ކަމަށެވެ. ނަމަވެސް، އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅައި ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށާއި ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.