މި ސަރުކާރުގެ "ނިއު ޕޮލިސީ އިނިޝިއޭޓިވް"ގެ ދަށުން ކުރިއަށްގެން ދިޔަ، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރައީސް ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމު ބައްލަވާލައްވާފައެވެ. އަދި އެވަގުތު ހިދުމަތް ހޯދަމުންދިޔަ ފާރާތްތަކާއި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ހާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް ގާއިމުކޮށްފައިވެއެވެ. އަދި ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

އިމަޖެންސީ ރޫމުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއަކީ ސަރުކާރުން ކަނޑައަޅާފައިވާ ސިއްހީ ސިޔާސަތުތަކުގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

އެ މަޝްރޫއު ނިމުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ ދެ ގުނަ ވެފައެވެ. އެ މަޝްރޫއަށް ފަހު ހުޅުމާލެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި މިހާރު އެއްފަހަރާ 14 އެނދުގައި ބަލި މީހުން އެޑްމިްޓްކޮށްގެން ފަރުވާ ދިނުމުގެ ގާބިލްކަން ހުންނާނެއެވެ.