މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން ވަކިކޮށްފިއެވެ.

ޒީނިޔާ ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ މަގާމުން ވަކި ކުރި ކަމުގެ ޗިޓް މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

ޒީނިޔާ އެ މަގާމުން ވަކިކޮށްފައިވަނީ މީގެ ކުރން ސަސްޕެންޑް ކުރުމަށްވެސް ފަހުއެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ނިންމުންތަކަށް ހުރަސް އެޅުމާއި މެމްބަރުންނަށް އިހުތިރާމް ނުކުރުން ފަދަ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރާތީ އިދާރީ ފިޔަވަޅެއްގެ ގޮތުން ތިން ދުވަހަށެވެ.

ޒީނިޔާއަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އައްޔަން ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު 2015 ގައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ބޭފުޅެކެވެ. އެކަމަކު، ވަކި ހިސާބަކުން ޒީނިޔާގެ ނަން އަނބުރާ ސަރުކާރުން ގެންދިޔައީއެވެ.

ޒީނިޔާ މަގާމުން ވަކިކޮށްފައިވާ އިރު، ބްރޯޑްކޮމްގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ހަތް ދުވަހުގެ މުއްދަތައް އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.