އެޕަލްގެ އައިފޯނު އެމެރިކާގައި ނުއުފައްދާނަމަ ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެޕަލްގެ އުފެއްދުންތަކުގެ ތެރެއިން އައިފޯނު އެ ގައުމުގައި ވިއްކާ ނަމަ އެފޯނަކީ އެމެރިކާގައި އުފައްދާ ފޯނަކަށް ވާން ޖެހޭނެ ކަމަށް ސީއީއޯ ޓިމް ކުކް އަށް ޓްރަމްޕް ވަނީ ދަންނަވައިފައެވެ.

އިއްޔެ ޓްރަމްޕް ކުރެއްވި އެޕޯސްޓުގައި ވަނީ އެމެރިކާ ނޫންތަނެއްގައި އުފައްދާ އައިފޯނު އެ ގައުމުގައި ވިއްކާ ނަމަ ޓެރިފްގެ ގޮތުގައި 25 ޕަސެންޓް ނަގާނެ ކަމަށް ވިދާޅުވެ އިންޒާރުވެސް ދެއްވައިފައެވެ.

އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅާފައިވާ ޓެރިފް ބޮޑުކުރުމުގެ ފިޔަވަޅުގެ ސަބަބުން އެޕަލް އިން ވަނީ އައިފޯނު އުފެއްދުން އެއްކޮށް އިންޑިއާއަށް ބަދަލުކުރުމަށް ރާވައިފައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން، އައިފޯނު އެމެރިކާގައި އުފައްދައިގެން ވިއްކާ ނަމަ، އަގު އެތައް ގުނައަކަށް އުފުލިގެން ދާނެ އެވެ.