ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ހުރާގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައި، ކ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.

މިއީ ބީއެމްއެލްގެ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ހުރާގައި ބެހެއްޓި އޭޓީއެމްއެކެވެ. އެ މަޝްރޫއުގެ ދަށުން ކ. އަތޮޅުގެ އިތުރުން ހއ.، ނ.، މ.، އަދި ދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އޭޓީއެމްގެ ހިދުމަތް ވަނީ ގާއިމުކޮށްފަ އެވެ.

ހުރާގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ބޭންކުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް އެބަދޭ، އެހެންކަމުން މި ލަނޑުދަނޑި ހާސިލުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް،" ޝަރީފު ވިދާޅުވި އެވެ.