އޮރެންޖު ހިޔާއަށް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ސިފައިންނަކީ، ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުގުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއް ކަމަށެވެ. ރައީސް ވިދާޅުވީ ސިފައިންނާ ހަވާލުކުރައްވާ ކޮންމެ މަސައްކަތަކުންވެސް ހާމަކޮށްދެނީ ރައްޔިތުންނަށްޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބި ކަމަށެވެ.

ރައީސް ވިދާޅުވީ އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ފުރިހަމަނުކުރެވި ލަސްވަމުން ގޮސް، ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ކަންކަން ވަރަށް ސީރިއަސް ހާލަތަކަށްދިޔަ ކަމަށެވެ.

އެހެންވެ، ވީހާވެސް އަވަހަކަށް، ވީހާވެސް ފުރިހަމަކޮށް، އެ ކުދިންނަށްޓަކައި އޮރެންޖު ހިޔާގައި އެމްބީއެސް ގާއިމުކުރުމަށް ބޭނުންފުޅުވުމުން އެ މަސައްކަތް ސިފައިންނާ ހަވާލުކުރެއްވީ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތް ސިފައިން ކުރިއަށް ގެންދިޔަ އިރު، ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން އެކަމުގައި ހިމެނުނު ކަމަށް ރައީސް ވިދާޅުވިއެވެ. ސިފައިން އެތަން ނިންމާލާފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.