މ. މުލި އެއާޕޯޓަށް އަންނަ ހޮނިހިރު ދުވަހު 999 އަށް ދަތުރުކުރެވޭނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.

މުލި އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މޯލްޑިވިއަނުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެެއްގައި ބުނީ މުލީ ދަތުރުތައް ފެށުމުގެ ގޮތުން ހޮނިހިރު ދުވަހު އެ އެއާޕޯޓަށް އެއްކޮޅަށް 999 ރުފިޔާއަށް ދަތުރުކުރެވޭނެ ކަމަށެވެ. މުއްޔަށް ހޮނިހިރު ދުވަހު މާލެއިން ފުރާނީ 15:30 ގައެވެ. މުލިން މާލެއަށް ފުރާނީ 16:45 ގައެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި މާލެއިން، މުއްޔަށް ކުރާ ދަތުރުގެ ދިގުމިނަކީ 35 މިނިޓު ކަމަށެވެ.

މޯލްޑިވިއަން ބުކިން ސިސްޓަމުން ދައްކާ ގޮތުގައި މާލެއިން، މުއްޔަށް ދަތުރުކުރާ ފުލައިޓުގެ އިކޮނޮމީ ކްލާހުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1،377 ރުފިޔާއެވެ. ޕްރިމިއަމް ކްލާހުގެ އެއްކޮޅު ޓިކެޓަކީ 1،918 ރުފިޔާއެވެ.

މުލި އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިންޔެ ބުނެފައިވަނީ އެ އެއާޕޯޓް މިހާރު އާންމު ދަތުރުތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ އެއާޕޯޓަށް ދަތުރުތައް ކުރުމުގެ ފުރުސަތު ޑޮމެސްޓިކް އުދުހުންތައް އޮޕަރޭޓު ކުރާ މޯލްޑިވިއަން، ވިލާ އަދި މަންތާއަށް ހުޅުވާލާފައިވާ ކަމަށެވެ.

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މިދިޔަ މަހުގެ 25 ވަނަ ދުވަހު ޓެސްޓް ފުލައިޓު ވެސް ވަނީ ޖައްސައިފައެވެ. މުލީ އެއާޕޯޓަކީ މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓު ތަރައްގީކުރަން ފެށީ 2021 ވަނަ އަހަރެވެ. 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެ އެއާޕޯޓަކީ 1.5 ކިލޯމީޓަރުގެ ރަންވޭއަކާއި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

އެއާޕޯޓަށް 36 ހެކްޓަރުގެ ބިން އެ ރަށުން ހިއްކާފައިވެއެވެ.