ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ހިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވި ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ފަސް ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕޮޑްކާސްޓުގެ މި އެޕިސޯޑްގައި ހޮސްޕިޓަލެއްގެ ގޮތުގައި ތެލެސީމިއާ ސެންޓަރު ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެންމެ ގިނަވެގެން ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި، އެމްބީއެސް ގެ ހިންގުމާއި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ހަވާލުވާނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ގޮތުން މި ބަދަލާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީގައި ތެލެސީމިއާ ކުދިންގެ ހުރި އެކިއެކި މައްސަލަތަކާއި ދަތިތަކަށް، ހައްލު ލިބިގެން އަންނާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ރާއްޖޭގެ އަތޮޅުތަކުގައި ދެވޭ ހިދުމަތްތައްވެސް ހިނގަމުންދާނީ އެ ތަނުގެ ދަށުން ކަމަށާއި ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާއަށް ބަދަލުވެގެންދިއުމާއެކު ހުޅުމާލޭގައި ހުރި، މާލޭ ހޮސްޕިޓަލްސް ގްރޫޕުގެ ހޮސްޕިޓަލުން އެތަނުގެ ހިންގުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ޕޮޑްކާސްޓުގެ މަސައްކަތްތައް ފަށައިގަތް ދުވަސްވަރު، ތެލެސީމިއާ ސެންޓަރަށް ވަޑައިގެން، އެތަނުގެ ހާލަތު ބައްލަވައިލެއްވި ހިސާބުން ފެށިގެން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވި، ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ގޮތުން، މާލޭގައި ހިންގަމުންދިޔަ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭގެ އޮރެންޖު ހިޔާ އިމާރާތަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮރެންޖު ހިޔާ އިމާރާތުގައި ޖާގަ ތަނަވަސްވުމުގެ އިތުރުން ވަސީލަތްވެސް ކުރިއަށް އޮތް ތަނުގައި އިތުރުވަމުން ދާނެ ކަމަށާއި ވަސީލަތް އިތުރުކުރުމުގައި ބަޖެޓު ހަމަޖެއްސުމަށް، ފިނޭންސް މިނިސްޓްރީއަށް ދެއްވަންޖެހޭ އެންމެހައި ހުއްދަތައް މިހާރު ވާނީ ދެއްވާފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން މި ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދުމުގެ އިންތިޒާމު ހަމަޖައްސަން ވެފައިވާ ވައުދުފުޅާ އެއްގޮތަށް، 14 ކުއްޖަކަށް އެ ހިދުމަތް ފޯރުކޮށްދެވެމުންދާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އިތުރު ކުދިންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި ތެލެސީމިއާއަށް ހާއްސަ ފުލް-ފްލެޖްޑް ހޮސްޕިޓަލެއް ހުޅުމާލޭގައި ހެދުމަށް މިހާރު މަސައްކަތްތަކެއް ފެށިފައިވާކަން އެ މަނިކުފާނު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މި މަޝްރޫއަށް އިންވެސްޓްކުރާ ފަރާތްތަކާއެކު އެގްރީމަންޓު ހެދުމާއި ހިސާބަށްދެވި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ހޮސްޕިޓަލުގެ މަސައްކަތުގެ ތެރެއިން ބޯންމެރޯގެ ހިދުމަތް ދިނުމަށް ޝަރުތު ކުރެވިފައިވާނެ ކަމަށާއި، މިކަމުގެ އިތުރު ތަފުސީލުތައް ކަންކަން ނިމެމުންދާ ވަރަކަށް ހާމަވެގެން އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވިއެވެ. ތެލެސީމިއާ ކުދިންނަށް ދާއިމީ ރަނގަޅު ހައްލެއް ގެނެސްދެއްވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ