ވަކިކޮޅަކަށް ޖެހިގެން ގާނޫނާ ހިލާފަށް، ދައުލަތުުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހަބަރު ފަތުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ރައްްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ގާނޫނުން ކަނޑައަޅާފައިވާ އާއްމު އުސޫލުތަކާއި ސިޔާސަތުގެ އިމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ރާއްޖޭގެ އެންމެހާ ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުމަކީ ބަންޑާރަ މީޑިއާގެ މަގުސަދުތައް ކަމަށެވެ.

ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާ ކުރުމަށް ގާނޫނުން ބަންޑާރަ މީޑިއާއަށް ލާޒިމް ކޮށްފައިވާ ކަމަށާއި ވަކި ވަކި ފަރުދުންނާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަކަން ގާއިމްކުރުމަށް، ގާނޫނުން ކަނޑައަޅާފައިވާ، އެތަނުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި، ދީނީ، އިގުތިސޯދީ، އިޖުތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތާއި ގައުމީ އެކި ކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިނުދީ، ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަކަން ގާއިމުނުކޮށް، ވަކި ބަޔަކަށް ފުރުސަތުދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މިހާރު އެތަނުން މުޅިން ނަގާލާފައިވާ ކަމަށްވެސް ގަރާރުގައި ވެއެވެ.

ޕީއެސްއެމް އިން ތަކުރާރުކޮށް ކޮންމެ ދުވަހަކު ވެސް ގާނޫނާ ހިލާފުވަމުންދާ މައްސަލަ އަކީ، ރަސްމީ ސިފައެއްގައި ގާނޫނުގެ ބާރު ކަނޑުވައިލައި، ގާނޫނަށް އަމަލު ނުކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކަމަށްވާ އިރު، އެ ކަމަކީ ގައުމުގެ މަސްލަހަތު ހިމެނިގެންވާ ކަމަކަށްވީ ހިނދު، މި ކަމާމެދު މަޖިލީހުގައި ބަހުސްކުރުމަށް ޓަކައި، އެ ގަރާރު ހުށަހެޅުއްވީ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މި ގަރާރު މަޖިލީހަށް ބަަލއިގަންނަން ވޯޓަށް އެހުމުން، ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން، ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ، އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން މަރުޒޫގާއި އަމިއްލަ މެންބަރު އައްޑޫ މީދޫ ދާއިރާގެ އަބްދުއްރަހްމާން އާއި އެމްޑީޕީގެ މެންބަރުން ހިމެނޭގޮތުން 12 މެންބަރުންނެވެ. ނަމަވެސް އެ ގަރާރު ބޭރުކޮށްލީ ޕީއެންސީގެ 45 މެންބަރުން ވޯޓު ދެއްވައިގެންނެވެ.