ވ. ކެޔޮދޫ ސްކޫލްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހަތަރު ބުރީގެ އިމާރާތުގެ މަސައްކަތް ނުކުރެވި ވަނީ، އެ ޕްރޮޖެކްޓްގެ އަގުގެ 15 ޕަސެންޓަށްވާ ފައިސާ ބަޖެޓްގައި ހިމަނާފައި ނެތުުމުން ކަމަށް މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކެޔޮދޫ ސްކޫލްގެ ހަތަރު ބުރީގެ އިމާތުގެ މަސައްކަތްތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރާސުވާލު ކުރައްވަމުން ނިއުޝާދު ވިދާޅުވީ، 2024 ވަނަ އަހަރު ފާސްކުރި ދައުލަތުގެ ބަޖެޓްގައި ކެޔޮދޫ ސްކޫލްގެހަތަރު ބުރީގެ އިމާރާތާއި ވަށާފާރު ރޭނުމަށް ހިމަނަފައިވީނަމަވެސް އެ މަސައްކަތް ފަރާފައިނުވާ ކަމަށެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވިދާޅުވީ، އެ އިމާރާތް އެޅުމަށް 2023 ވަނަ އަހަރުގެ ބަޖެޓްގައި 1.5 މިލިޔަން ރުފިޔާ އަދި 2024 ވަނަ އަހަރުގެ ބަޖެޓްގައި 2.019 މިލިޔަން ރުފިޔާ ހިމެނި ކަމަށެވެ.

ނަމަވެސް މުޅި މަޝްރޫއަށް ޖުމްލަ 20 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަވާއިރު، އޭގެ 15 ޕަސެންޓަށްވާ ފައިސާ ބަޖެޓްގައި ހިމަނާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، 2023 ވަނަ އަހަރުގައި މި ޕްރޮޖެކްޓް ފޯމިއުލޭޓްވީއިރުވެސް ބަޖެޓްގައި 15 ޕަސެންޓް ފައިސާ އޮތީ ނުހިމަނައިކަމަށެވެ. އަދި މިދިޔަ 2024 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލިއިރުވެސް ބީލަމަށް ހުޅުވާލައި ކޮންޓްރެކްޓަރެއް ހޮވިގެން ކޮންޓްރެކްޓަށް ދޭންވާ 15 ޕަސެންޓް ފައިސާ ހިމަނާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މިމަޝްރޫއުގެ މަސައްކަތް ހުއްޓިފައިވަނީ އެސަބަބަށްޓަކައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ތެރެއިން މިހާރު ފެށުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ކެޔޮދޫ ސްކޫލްގެ މަސައްކަތް ހިމަނާފައިވާކަމަށެވެ.