މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް 40 މިލިއަން ރުފިޔާ ނެގިކަމަށް ބުނެ ދެކެވޭ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ސިޔާމްގެ އަތުން ރައީސް 40 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ އަނބުރާ ދައްކާފައި ނުވާތީ ކޯޓަށް ދާން އުޅޭ ކަމުގެ އަޑުތައް އޮތީ ފެތުރިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އަޅުގަނޑަކަށް ހީއެއްނުވޭ ސިޔާމް ތިފަދަ ވާހަކައެއް ދައްކަވާނެހެނެއްވެސް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައެއް ހިޔާލުތަފާތުވުންތަކާ ހުރެ އެމްޑީއޭ މިހާރު ސަރުކާރު ކޯލިޝަނުން ވަކިވެފައިވާ ކަމަށެވެ.