ކެނެޑާގެ ބޮޑުވަޒީރު، މާކް ޖޯސެފް ކާނީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ބޮޑުވަޒީރު ކާނީ، ކެނެޑާގެ އާންމު އިންތިހާބުގައި ހޯއްދެވި ކާމިޔާބީއާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ތަހުނިޔާ ވިދާޅުވީ، އެ މަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް އޮފީހުން ބުނީ ‎ރައީސް ފޮނުއްވި މެސެޖުގައި، ބޮޑުވަޒީރު ކާނީ އާއި އެ މަނިކުފާނުގެ ޕާޓީއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ ކެނެޑާ ރައްޔިތުން، އެ މަނިކުފާނުގެ ޒައާމަތަށް ކުރައްވާ އިތުބާރުގެ ހެއްކެއް ކަމުގައި ވިދާޅުވި ކަމަށެވެ. ކާނީގެ ޒައާމަތުގައި، އެ ގައުމުގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަން ޔަގީން ކުރައްވާ ކަމަށާއި އަދި މިނިވަންކަމާއި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓޭނެކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ކެނެޑާގެ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ކެނެޑާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.