އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށްނުލަން މުޅި މުޖުތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިރޭ ފޮނުއްވި ހިތާބުގައި ވިދާޅުވީ ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަހުލާގާއި، ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭ ކަމަށެވެ.
ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"މަސައްކަތްތެރީންގެ ބައިނަލްއަގުވާމީ ދުވަހު، ދިވެހި ކޮންމެ ބެލެނިވެރިއަކަށް އަޅުގަނޑުގެ އިލްތިމާސަކީ، ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުމެވެ. އެއާއެކު، އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހެއެވެ. ދިވެހީން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ އޭރުންނެވެ..،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މެއި މަހުން ފުރަތަމަ ދުވަސް މުޅި ދުނިޔޭގައި ފާހަގަ ކުރެވެމުން ދިޔަ ނަމަވެސް، ކޮންމެ ދުވަހަކީވެސް މަސައްކަތްތެރީންގެ ދުވަހެއް ކަމަށާއި ކޮންމެ ދުވަހަކުވެސް މި ގައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމަށެވެ.
"އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނަމެވެ..،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީން ކަމަށާއި މާދަމާ ގައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާސިލުކޮށްދޭނީވެސް މަސައްކަތްތެރީން ކަމަށެވެ. އަދި ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ގައުމުގެ ހީވާގި ހިދުމަތްތެރީން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު