މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް، 2008 ވަނަ އަހަރު އަމަލުކުރަން ފެށީއްސުރެ، ހަދަން ޖެހޭ ގާނޫނުތަކުގެ ތެރެއިން ބައެއް ގާނޫނުތައް އަދިވެސް ހެދިފައި ނުވާތީ، އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގެ ދަށުން ފަސް ގަވާއިދަކަށް އަމަލު ކުރުން އެއް އަހަރު ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު، މަޖިލީހުގެ ގަވާއިދު ކޮމިޓީން އެގޮތަށް ފާސްކުރުމަށް އެދި މަޖިލީހަށް ހުށަހެޅުމުންނެވެ.
އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނަކީ މިހާރުގެ ގާނޫނު އަސާސީއަށް 2008 ވަނަ އަހަރު، އަމަލު ކުރަން ފެށިއިރު ވެސް އަމަލުކުރަމުން އައި ބައެއް ގަވާއިދުތަަކަށް ގާނޫނީ ބާރުދޭން ހަދަން ޖެހޭ ގާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އެ ގާނޫނުތައް ހަދަންދެން އެ ގަވާއިދުތަކަށް ގާނޫނީ ބާރުދޭން ފާސްކޮށްފައިވާ ގާނޫނެކެވެ.
އޭގައި ހިމެނޭ ގަވާއިދުތަކަށް ގާނޫނީ ބާރުދޭ ގާނޫނުތައް ހެދުނު މިންވަރަކުން، އެ ގަވައިދުތައް އުނިކޮށް ދެން ހުރި ގަވައިދުތަކަށް ބާރުދޭން މަޖިލީހުން ގެންދަނީ މުއްދަތު އިތުރު ކުރަމުންނެވެ.
އެގޮތުން އެންމެ ފަހުން އެ ގާނޫނަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެ ފަހަރު 22 ވަނަ ފަހަރަށް މިގާނޫނަށް އަމަލު ކުރުމުގެ މުއްދަތު މަޖިލީހުން އިތުރު ކުރީ، މިމަހުގެ ނިޔަލަށެވެ.
ނަމަވެސް ގަވައިދު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުން ނިންމާފައިވަނީ އެ ގާނޫނުގައި ހިމެނޭ ފަސް ގަވާއިދަކަށް ގާނޫނީ ބާރުދޭ ގާނޫނުތައް މަޖިލީހުން ފާސްކޮށް އަމަލު ކުރަމުންދާތީ އެ ގަވާއިދުތައް އުނި ކުރުމަށްފަހު ދެން ހިމެނޭ ގަވައިދުތަކަށް ބާރު ދިނުމަށެވެ.
އުނިކުރަން ހުށަހެޅި ގަވައިދުތައް:
- ކާބޯތަކެތި އިސްތިހާރު ކުރުމުގެ ގަވާއިދު
- ބޯތަކެތީގެ ހިދުމަތްދޭ ތަންތަނާބެހޭ އާއްމު ގަވާއިދު
- ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށްދޭ ބާވަތްތައް އެތެރެ ކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުން ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު
- މާލޭ ޕްލޭނިން ކުރުމާއި ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު
- ރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގަވާއިދު
ގާނޫނީ ބާރުދޭން ނިންމި ގަވާއިދުތައް:
- އިންޝޫރެންްސް އިންޑަސްޓްރީ ރެގިއުލޭޓް ކުުރުމުގެ ގަވާއިދު
- ރާއްޖެއަށް ޖަނަވާރު އެތެރެ ކުރުމުގެ ގަވާއިދު
- ދޫނި އެތެރެ ކުރުމުގެ ގަވާއިދު
- ދިވެހި ރާއްޖޭގައި ޝާއިއު ކުރާ އަދަބިއްޔާތު ފާސް ކުރުމުގެ ގަވާއިދު
- އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް