ވިކީ ކައުޝަލް އަދި ރަޝްމިކާ މަންދަންނާ ލީޑް ކުރާ ހިސްޓޮރިކަލް ޑްރާމާ "ޗާވާ" އިން އިންޑިއާގައި 600 ކްރޯޑު ރުޕީސް ހޯދައިފިއެވެ. އިންޑިއާގައި "ޕުޝްޕާ 2" އަދި "ސްޓްރީ 2" ގެ ފަހުން މި މައިލްސްޓޯން ހާސިލުކުރި ތިންވަނަ ފިލްމަކީ "ޗާވާ" އެވެ.

މުޅި ދުނިޔޭގައި މި ފިލްމުން 800 ކްރޯޑު ރުޕީސް ހޯދާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ފިލްމުން މުޅި ދުނިޔޭގައި 807.6 ކްރޯޑު ރުޕީސް ހޯދާފައިވެއެވެ.

ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މިޔުޒިކު އުފައްދާފައިވަނީ އޭ.އާރު. ރަހުމާން އެވެ. ލިރިކްސް ލިޔެފައިވަނީ އިރްޝާދު ކާމިލް އެވެ. ވިކީ އާއި ރަޝްމިކާގެ އިތުރުން މި ފިލްމުގައި އަކްޝޭ ކަންނާ، އަޝުތޯޝް ރާނާ އަދި ދިވްޔާ ދައްތާ ފަދަ ތަރިން ވެސް ބައިވެރިވެފައިވެއެވެ.

ވިކީގެ ބައްޕަ ޝަމް ކައުޝަލް މި ކާމިޔާބީއަށް ޝުކުރު އަދާކޮށްފައިވެއެވެ. އޭނާ ވަނީ ފިލްމުގެ ޕޯސްޓަރެއް ހިއްސާކޮށް، މި ކާމިޔާބީއަށް މަރުހަބާ ކިޔައިފައެވެ. ހަމައެހެންމެ ރަޝްމިކާ މަންދަންނާ ވެސް މި ކާމިޔާބީއާ ގުޅިގެން އުފާ ފާޅުކޮށްފައިވެއެވެ.

މި ފިލްމަކީ މަރާތާ ހަނގުރާމަވެރިޔާ ޗަތުރަޕަތި ސަމްބާޖީ މަހާރާޖްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ވަރުގަދަ ކެރެކްޓަރައިޒޭޝަން، ފާހަގަކޮށްލެވޭ ސިނަމަޓޮގްރަފީ އަދި ރަނގަޅު ޕަރފޯމަންސްތަކާއެކު މި ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.