ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް)ގެ ޖާގައާއި ވަސީލަތްތައް ފުރިހަމަ ކުރުމާއި އެ ޔުނިވާސިޓީގެ ކުރިއެރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް އުފަލާއެކު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސް ވިދާޅުވީ، އައިޔޫއެމްގެ ކުރިއެރުމަށް ކަންކަން ކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެ މަނިކުފާނުގެ މެނިފެސްޓޯގައިވެސް އައިޔޫއެމްގެ ކެމްޕަސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދުމަށް ހިމަނުއްވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ސުކޫކު ވިއްކައިގެން އަޅާ އައިޔޫއެމްގެ ވަގުފް އިމާރާތް "ސަނާބިލް" މަޝްރޫއުއަކީވެސް އައިޔޫއެމް ތަރައްގީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ ކުރިން ކުރަން އުޅެ ނުވެފައި އޮތް މަސައްކަތެއް ކަމަށާއި އައިޔޫއެމްގެ ހިދުމަތްތައް ފުޅާކުރަން ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާ ކަމަށެވެ.
"އަދި އިރާދަކުރެއްވިއްޔާ ހުޅުމާލެއިން ބޮޑު ބިމެއް ހަމަޖައްސައިދީ އެތަނުގައި އިސްލާމިކް ޔުނިވަސިޓީގެ ކުރިމަގު ފުރިހަމަ ގޮތުގައި ބައްޓަންކޮށްދިނުމަކީ އަޅުގަނޑުގެ އަޒުމު. އެ ބިމުގެ ކަންތައް މިހާރު އެވަނީ ހަމަޖެހިގެން ގޮސްފައި" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަކީ އިލްމު ލިބިގެން ތިބި މީހުންގެ ޒިންމާއެއް ކަމަށާއި އިލްމުގެ ބޭނުންކޮށްގެން ހަޔާތް ހެޔޮގޮތުގައި ބައްޓަންކުރަންޖެހޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު