އެމެރިކާއިން އަފްގާނިސްތާނަށް ދޫކޮށްލި ހަތިޔާރުތަކެއް ގެއްލިއްޖެއެވެ.

އެެމެރިކާއިން އަފްގާނިސްތާނުގައި ކުރިޔަށް ގެންދިޔަ ހަނގުރާމައަށްފަހު އެ ގައުމު ދޫކޮށް އެމެެރިކާ ސިފައިން ފޭބިއިރު ދޫކޮށްލައިފައި ދިޔަ ހަތިޔާރުތައް ތާލިބާނުން ވަނީ ނަގައިފައެވެ.

އދ ގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، އެހަތިޔާރުތައް ތާލިބާނުން ނެގުމަށްފަހު އެ ހަތިޔާރުތައް ގެއްލިފައިވާ ކަމަށާއި އެއަށް ސީދާ ވީގޮތެއް ނޭނގެއެވެ.

ބެލެވޭ ގޮތުގައި ހަތިޔާރުތައް ގެއްލިފައިވަނީ ވިއްކާލުމުގެ ސަބަބުން ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނެއެވެ. އަދި އެ ހަތިޔާރުތަކުގެ ތެރެއިން ބައެއް ހަތިޔާރުތައް އަލްގައިދާއާ ގުޅުންހުރި ހަނގުރާމަވެރީންނަށްވެސް ފޯރާފައިވާކަމަށް ބެލެވޭ ކަމަށް އޮފިޝަލު ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން އަފްގާނިސްތާނު ދޫކޮށްލުމާއެކު 2021 ވަނަ އަހަރުން ފެށިގެން ތާލިބާނުން ވަނީ އެ ސަރަހައްދުގައި ވެރިކަން ކުރަން ފަށައިފައެވެ. އަފްގާނިސްތާނުގެ ސިފައިންނަށް އެމެރިކާއިން ދޫކޮށްލި ހަތިޔާރުތަކާއި ވެހިކަލްތައް ވެސް ތާލިބާނުން ވަނީ ވެރިކޮށްފައެވެ.

ބައި މިލިއަނަށްވުރެ ގިނަ ހަތިޔާރު އަފްގާނިސްތާނުގައި ހުރިއިރު އެ ހަތިޔާރުތަކަށް ވީގޮތެއް ނޭނގޭ ކަމަށް އޮފިޝަލުން ބުނާއިރު ހަނގުރާމަވެރި ޖަމާއަތްތަކުން ތާލިބާނު މެދުވެރިވެ ހަތިޔާރުތައް ގަނެފައިވާކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ފެބްރުއަރީގައި އދ އިން ނެރުނު ރިޕޯޓެއްގައި ވެސް ތާލިބާނުގެ ބެލުމުގެ ދަށުގައި ހުރި ހަތިޔާރަށް ވީނުވީ ނޭނގޭކަން ފާހަގަކޮށްފައިވެއެވެ.