ގައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ ކާބަފައިން ވާރުތަކޮށްދިން ތަރިކަ ހިމާޔަތްކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ތަރިކަ ދުވަހުގެ ތަހުނިޔާ ދެންނެވުމަށް އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

"ގައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް. ގައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ހިމާޔަތްކޮށްގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ތަރިކަ ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ހެރިޓޭޖް މިނިސްޓްރީން އަންނަނީ ބައެއް އާސާރުތައް ތަރައްގީކުރުމަށް އެކި ކުންފުނިތަކާ ހަވާލުކުރަމުންނެވެ. އެގޮތުން ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ މަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ވަނީ ހަވާލުކޮށްފައެވެ.

ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލް އައިޑެންޓިޓީއަށް ހާއްސަ އިސްކަމެއް ދެއްވާނެކަން ރައީސް މީގެ ކުރީން ވެސް ވަނީ ވިދާޅުވެފައެވެ.