ކޮންމެ އަހަރެއްގެ މެއި މަހުގެ ތިންވަނަ ދުވަހު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ކަންކަން ހާމަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ކުރިއަށް އޮތް ތަނުގައި ސީދާ ނޫސްވެރިންނާއެކު ވެސް ބައްދަލުވުންތަކެއް ބާއްވަވާނެ ކަމަށް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ނޫސްވެރިންނާވެސް ބައްދަލުކުރާނަން. އެގޮތުން އަޅުގަނޑު މިހާރު ނިންމާފައި އޮންނާނެ 3 މެއި، އެއީ ޕްރެސް ފްރީޑަމް ދުވަސް، އެ ދުވަހު އަޅުގަނޑު އިރާދަކުރެއްވިއްޔާ ނޫސްވެރިންނާ ބައްދަލުކުރާނަން. ނޫސްވެރިންނާ ބައްދަލުކޮށް މީޑިއާ ބައްދަލުކޮށް ރައީސް އޮފީހުގައި ރަސްމީކޮށް ނޫސް ކޮންފަރެންސެއް ބާއްވާނަން އިރާދަކުރެއްވިއްޔާ. އެ ދުވަހަށް ނޫސްވެރިން މީޑިއާތައް ތައްޔާރުވެލަން އަޅުގަނޑު ދައުވަތު ދެން. ބޭނުން ސުވާލެއް، ކޮންމެ ސުވާލެއްވެސް ކުރެއްވޭނެ" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އެންމެފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ 5 ޑިސެމްބަރު 2023 ގައެވެ. ރައީސް އޮފީހުގައި އެ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ނިންމުންތަކުގެ މައުލޫމާތު ހާމަކޮށް، އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެކެވެ.
ރައީސް މިއަދު އިތުރަށް ވިދާޅުވީ ޓީވީ ސްޓޭޝަނަކުން ދައުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް އެ މަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު