ސްވިޑަންއާއި ސީޝެލްސް އާއި އޮސްޓްރިއާއަށް ކަނޑައަޅުއްވި ނޮން ރެޒިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ގައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ.

އެގޮތުން، ސްވިޑަންއާއި ސީޝެލްސް އަދި އޮސްޓްރިއާއަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެބޭފުޅުންނަށް ރުހުންދޭން ވަނީ ފާސްކޮށްފައެވެ.

ސްވިޑަންއަށް ކަނޑައަޅުއްވާފައި ވަނީ އައިޝަތު ޝާން ޝާކިރެވެ. އޭނާއަކީ، މިހާރު ޖަރުމަންވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ސީޝެލްސްއަށް ކަނޑައަޅުއްވާފައިވަނީ މަސްއޫދު އިމާދެވެ. އޭނާއަކީ މިހާރު ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އަދި އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮންރެޒިޑެންޓް ސަފީރަކީ، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތުގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.