މިހާތަނަށް 3،000 އަށްވުރެ ގިނަ ފަރާތަކަށް ދިވެހި ގައުމިއްޔަތުގެ އިލްމީ އަސްލުވަންތަކަމާ ބެހޭ އިލްމީ ހުށަހެޅުންތައް ފޯރުކޮށްދީފައިވާނެ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ ވަރަށް ގިނަ ފައިސާތަކެއް، މިނިސްޓްރީއަށް ހަރަދު ކުރަމުންދާ އިރު، ހަރަދުކުރާ ފައިސާއާ އެއްވަރުގެ ބަދަލެއް މިނިސްޓްރީގެ ފަރާތުން މި ގައުމާއި ރައްޔިތުންނަށް ފޯރުކޮށްދެމުންދޭތޯ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި ގައުމު ކިޔަނީ ދިވެހިންނަށް ކަމަށެވެ.

"ދިވެހި ގައުމު މި ކިޔަނީ ދިވެހިންނަށް، ދިވެހިން ބިނާ ކުރުމަށް، ދިވެހިންގެ ވިސްނުމުގެ އަސްލުތަކާ އެއްގޮތަށް ދިވެހިންގެ ސަލާމަތަށްޓަކައި ބަދަލުކުރުން. އެއީ ދިވެހިރާއްޖެ ސަލާމަތުން ބޭއްުވުމަށްޓަކައި، ދިވެހިން ދެމިތިބުމަށްޓަކައި، ދިވެހި ދައުލަތް ސަލާމަތްކުރުމަށްޓަކައި މުހިންމުކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިންގެ ސިކުނޑި ބިނާކުރުުމުގެ މަސައްކަތުގެ ވާހަކައަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި އިޝާރާތް ކުރެއްވި ކަމެއް ކަމަށާއި، އެކަަމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސް އުފެއްދެވި އިސްވަރުގެ މަަަސައްކަތްތަކާއި ސެމިނާތަކުން ވަނީ އެފަދަ އިތުރު ހޭޅުންތެރިކަން ގެނަސްދީފަ، އޭގެ އިތުރުން އަޅުގަނޑުމެންގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނިގެން މިހާރު ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން،" މިނިސްޓަރު ވިދާޅުވިއެވެ.