ދައުލަތަށް ލިބުނު އާމްދަނީ 11.2 ބިލިއަން ރުފިޔާއަށް އަރައި ދައުލަތުގެ މި އަހަރުގެ ބަޖެޓު 3.4 ބިލިއަން ރުފިޔާއިން އަރަނިވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ 11.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 10.7 ބިލިއަން ރުފިޔާގެ އާމްދަނީ އަށްވުރެ 500 މިލިއަނެއްހާ ރުފިޔާގެ އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ އެކު، ދައުލަތް ހިންގުމުގެ ހަރަދުތައް ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރިލް 10 ގައި ރިކަރަންޓް ހަރަދު ހުރީ 8.9 ބިލިއަން ރުފިޔާގައެވެ. އެ އަދަދު މި އަހަރު ވަނީ 8.4 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ މިންވަރު ވެސް މި އަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މި މަހުގެ 10ގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 437.1 މިލިއަން ރުފިޔާ ޖަމާކުރި އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ފަންޑަށް ޖަމާކުރި 342 މިލިއަން ރުފިޔާއަށްވުރެ 95 މިލިއަން އިތުރު އަދަދެކެވެ.