ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ޕްރޮގްރާމްގައި ރައީސް މިއަދު ވިދާޅުވީ، މާލޭގެ މޭޔަރުގެ އިންތިހާބުގައި މީގެ ކުރިން މާލޭގެ ރައްޔިތުންގެ ގެތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ގޮތަށް މޭޔަރުކަމުގެ މަގާމުގައި ހުންނަވައިގެން އެ ވައުދުފުޅު ފުއްދަވާފައިވާ ކަމަށެވެ. ހަމަ އެގޮތަށް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަށްރަށަށް ދަތުރުކުރެއްވުމަށް އެ މަނިކުފާނު ފެއްޓެވި ދަތުރުފުޅު މެދުކަނޑާލީ ރޯދައަށް ކަމަށާއި އަންނަ މެއި މަހު އަލުން އެ ދަތުރުފުޅުތައް ފައްޓަވާނެ ކަމަށެވެ.

"މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ، މި މަސްތެރޭގައި ދަތުރު ފަށަން އުޅުނު ނަމަވެސް އެކި ސަބަބުތަކާހުރެ އަދި ދަތުރުތައް ނުފެށޭ، އިރާދަކުރެއްވިއްޔާ މެއި މަސް ފެށޭ ތަނުން ދަތުރުތައް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

ދެން އެންމެ އަވަހަށް ދަތުރު ފައްޓަވާނީ މ. މުލިން ކަމަށާއި އެ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ އެއާޕޯޓް ހުޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.