ޓޮންގާއަށް 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޕެސިފިކް ކަނޑުގައި އޮންނަ ޓޮންގާއަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ދިން ނަމަވެސް ފަހުން ވަނީ އެ އިންޒާރު ނަގައިފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ޓޮންގާއަށް އައި އެ ބިންހެލުން އައީ އެގައުމުގެ އިރުއުތުރު ސަރަހައްދުން ފެށިގެން 100 ކީލޯމީޓަރު ދުރު ސަރަހައްދަކަށް ކަމަށެވެ.

ޓޮންގާއަށް ބިންހެލުން އައުމާއެކު ހަވާއީގައި ހުންނަ ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ވަނީ ބިންހެލުމުގެ ބާރުގަދަ ކަމަށާއި ސުނާމީއެއް އުފެދިދާނެ ކަމަށް ބެލެވޭ ކަމަށްބުނެ އިންޒާރު ނެރެފައެވެ. ނަމަވެސް އެ އިންޒާރު ފަހުން ނަގާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ޓޮންގާއަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ހާމަކޮށްފައިނުވާ އިރު، ގެއްލުން ކުޑަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕެސިފިކް ކަނޑުގައި އޮންނަ ޓޮންގާއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައި އޮންނަ ގައުމެކެވެ. ޖުމްލަ 171 ރަށް ހިމެނޭ އެގައުމުގެ އާބާދީއަކީ ލައްކައެއްހާ މީހުންނެވެ. އެ އެންމެން ދިރިއުޅެނީ ވެރިރަށް ޓޮންގަޓަޕޫގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.