ބިންހެލުމުގެ ސަބަބުން ބެންކޮކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
މިޔަންމާއަށް މިއަދު އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާގެ އިތުރުން އެގައުމާ އިންވެގެން އޮންނަ ތައިލެންޑާއި ޗައިނާއަށް ބިންހެލުމުގެ އަސަރުކޮށް ގެއްލުންތަކެއް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުމުގެ ސަބަބުން ތައިލެންޑުގެ ބޮޑުވަޒީރު ޕައޭޓޮންޓާން ޝިނަވަޓްރާ ވަނީ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައި ކަމަށް އޭއެފްޕީއިން ރިޕޯޓުކޮށްފައިވެއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކަށް އެ ބިންހެލުމުގެ ސަބަބުން ލޮޅުން އަރާފައިވާ އިރު، ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ވަނީ އެގައުމުގެ އުސް އިމާރާތްތަކުގެ މަތީގައި ހުންނަ ސުވިމިން ޕޫލްތަކުން ފެންގަނޑު އިމާރާތުންބޭރަށް ފައިބާ މަންޒަރެވެ.
ބިންހެލުމުގެ ސަބަބުން ބެންކޮކުގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ބިމާ ހަމަވެފައިވާ އިރު، އެ އިމާރާތުގެ ދަށުގައި އެތަނުގައި މަސައްކަތް ކުރަމުންދިޔަ 43 މީހުން ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެގައުމަށްވެސް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިންހެލުން ދިރާސާކުރާ ފަރާތްތަކުން ވަނީ ބާރުގަދަ ބިންހެލުމަށްފަހު ކުރިއަށްއޮތް ދުވަސްތަކުގައި ކުދި ގިނަ ބިންހެލުން އެ ސަރަހައްދަށް އަންނާނެކަމަށް އިންޒާރުދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ