ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް ޕްރައިވެޓް ލިމިޓެޑް (ޓީއެމްއޭ) ގަންނަން އެމެރިކާގެ ބްލެކްސްޓޯނުން 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ބްލެކްސްޓޯނުން އަންނަނީ އެ ލޯނު ނެގުމަށް ބައެއް ބޭންކްތަކާއި ޕްރައިވެޓް ކްރެޑިޓް ފަންޑުތަކާ އެކު މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން "ދަ މެލޭޝިއަން ރިޒާވް" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ލޯނު ދިނުމަށް ޖަރުމަނުގެ ޑޮއިޝޭ ބޭންކް އޭޖީ ބޭންކުން ބައިވެރިވާން މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެ ލޯނު ނެގުމަށް ހަމަޖެހިފައިވަނީ 10 ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ކަމަށްވެސް އެ ނޫހުގައިވެއެވެ.

ބްލެކްސްޓޯނުން ޓީއެމްއޭ ގަންނަން ނިންމާފައިވަނީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށްވުރެ ކުޑަ އަގެއްގައެވެ.

ބްލެކްސްޓޯން އިން ފުރަތަމަ ޓީއެމްއޭ ގަތީ 2013 ވަނަ އަހަރުއެވެ. އަދި 2017 ވަނަ އަހަރު 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) އަށް އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޝެންޒެން ޓެމްޕަސް ގްލޯބަލް ބިޒްނަސް ސަވިސަސް ހޯލްޑިންގްސްއަށް ވިއްކާލިއެވެ.

ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކުރި އަސަރާއެކު ޓީއެމްއޭ އިން ދައްކަން ޖެހުނު 305 މިލިއަން ޑޮލަރުގެ ލޯނެއް ނުދެއްކި ޑިފޯލްޓްވުމާ ގުޅިގެން ލޯން ދެއްކޭނެ މަގެއް ހޯދަން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލް އަށް 2021 ވަނަ އަހަރު އެ އެއާލައިން ވިއްކާލި އެވެ.

އޭވިއޭޝަންގެ ހަބަރުތައް ގެނެސްދޭ ބޭރުގެ ނޫސްތަކުން ބުނެފައިވާ ގޮތުން ބްލެކްސްޓޯންއިން އަށް އަހަރު ފަހުން އަނެއްކާވެސް ޓީއެމްއޭ ގަންނަނީ 500 މިލިއަން ޑޮލަރަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ އެކި ރިޒޯޓުތަކަށް ދަތުރު ކުރާ ޓީއެމްއޭއަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރެވެ. އެ ކުންފުނިން މިވަގުތު 65 ސީޕްލޭން އޮޕަރޭޓް ކުރެއެވެ.