ރާއްޖެއިން ނެދެލެންޑްސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ގީލާ އަލީ، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
ފޮރިން މިނިސްޓްރީން ރޭ ބުނީ ރާއްޖެ އިން ނެދެލެންޑްސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ނެދެލެންޑްސްގެ ރަސްގެފާނު ވިލްއެމް އެލެގްޒެންޑާ އަށް އިއްޔެ ހެނދުނު އަރުވާފައިވާއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ ދަ ހޭގުގައި ހުންނަ "ނޫރުދެއިންދް" ޕެލަސްގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ޕްރައިވެޓް އޯޑިއަންސްގައި ސަފީރު ގީލާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ނެދަލެންޑްސްގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވައިފައެވެ. އަދި ރާއްޖެ އާއި ނެދެލެންޑްސް އާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ އެރުވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި ނެދެލަންޑްސް އާ ދެމެދު އޮތް ގުޅުމަށް 45 އަހަރު ވެފައިވާ އިރު، ފަތުރުވެރިކަމަށާއި ތަރައްގީގެ މަޝްރޫއުތަކުގައި ނެދެލަންޑްސް އަކީ މުހިންމު ބައިވެރިއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ގީލާ އަރިހުގައި އެކަމަނާގެ ފިރިކަލުން އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، މުހައްމަދު ޝައްފާއު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު