"ރާއްޖެ ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކުރި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފިއެވެ.

"ރާއްޖެ ޓީވީ"ގެ "ކާލާބައިސާ" ޕްރޮގްރާމުގައި ރޭ އެ ވާހަކަދައްކާފައިވަނީ ސިޔާސީ ވާހަކަތަކެއްގެ ތެރެއިންނެވެ. އެ ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ޕްރެޒެންޓަރު ހުސައިން ރަމީޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންއެފް)ގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ފަޔާޒް އަލީ (ޕާޕާ) އެވެ.

އެ މައްސަލައިގައި ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީގައި ބުނާ "ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަން" އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސް އާއި ގައިޑްލައިންތަކާ ތައާރަޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ މައުލޫމާތު އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"މިފަދަ ކޮންޓެކްޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިހުތިސާސް ކޮމިޝަނަށް ލިބިގެންވާ ކަމާއި، ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓު ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ..،" ބްރޯޑްކޮމްގެ ބަޔާނުގައި ބުންނެވެ.

ބްރޯޑްކޮމް އިން ބުނީ ގާނޫނުއަސާސީ އާއި ރާއްޖޭގައި އަމަލުކުރަމުންދާ އެންމެހާ ގާނޫނުތަކަށް އިހުތިރާމުކޮށް، އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ވެސް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ރާއްޖެ ޓީވީން ގެނެސްދިން އެ ޕްރޮގްރާމުގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އެ ޗެނަލް އާއި ޕްރޮގްރާމުގައި ބައިވެރިވި މީހުންނަށް ދަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.