ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން"ގެ ނަމުގައި އަތޮޅު ތެރޭގައި ބޭއްވި ފުރަތަމަ ގޭމިން މުބާރާތް އައްޑޫ ސިޓީގައި ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ދިރާގާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އިންތިޒާމު ކުރި ގޭމްކުއެސްޓް-އައްޑޫ އެޑިޝަން ކުރިއަށް ދިޔައީ މިދިޔަ އާދީއްތަ އިން އިއްޔެގެ ނިޔަލަށް އައްޑޫގެ ޝަރަފުއްދީން ސްކޫލުގައެވެ. ދެ ދުވަހު ކުރިއަށް ގެންދިޔަ އެ މުބާރާތުގައި 100 އަށްވުރެ ގިނަ ގޭމަރުން ބައިވެރިވިއެވެ.

"ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގައި އީއޭއެފްސީ 25ގެ މުބާރާތެއް ބާއްވައި، ވަނަވަނަ ހޯދައިފައިވާ ގޭމަރުންނަށް ޖުމުލަ 10،000 ރުފިޔާގެ އިނާމު ދީފައެވެ. އަދި މުބާރާތުގެ އިތުރުން ޖީޓީ7 ރޭސިން ސިމިއުލޭޝަން، އެސްޓްރޮ-ބޮޓް އަދި ވީއާރު ސިމިއުލޭޝަން ގޭމުތައް ކުޅޭ ފްރީ ސްޓޭޝަންތައް ވަނީ ހިމަނައިފައެވެ.

ދިރާގުން ބުނީ، އެ ގޭމުތަކަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިރު، "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގައި ބައިވެރިވި ގޭމަރުންގެ މެދުގައި ލަކީޑްރޯއެއް ނަގައި، ނަސީބުވެރި ހަތަރު ފަރާތަކަށް ފައިސާގެ އިނާމު ހަވާލުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.